ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށްދާ 67 ރަށް އެބައޮތްކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ގާއިމްކުރުމާއި ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގެންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކޮށް އެކަންތައް ހައްލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުނެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މީގެ ތެރެއިން ނަރުދަމާގެ ޓެންޑަރިންގ ސްޓޭޖްގައި 25 ރަށެއް އެބައޮތްކަމަށާއި ޑިޒައިން ސްޓޭޖްގައި 27 އަދި ކޮންސްޓަރްކްޝަން ސްޓޭޖްގައި 15 ރަށް އެބައޮތްކަމަށެވެ. އަދި ފެނުގެ ނިޒާމްގެ މަޝްރޫޢު 42 ރަށެއްގައި ފެށިފައިވާކަމަށާއި، ޓެންޑަރިންގ ސްޓޭޖްގައި 20 ރަށް އަދި ޑިޒައިނިންގ ސްޓޭޖްގައި 12 ރަށް އެބައޮތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުުރުން ކޮންސްޓްރަކްޝަން ސްޓޭޖްގައި 10 ރަށް އޮތްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ވިދާޅުވީ މި ވޯރކްޝޮޕް ނިމިގެން ދާއިރު ފެނާއި ނަރުދަމާގެ މަޝްރޫޢޫތައް ގާއިމްކުރުމުގެ އިދާރާގައި ދިމާވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޑަބްލިއު އެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ވިދަޅުވީ އެކުންފުނިން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތަކުގެ އަގު އެއްބިލިއަން ރުފިޔާއަށްވުރެ މަތި ކަމަށެވެ. އަދި ޑިމާންޑާއި އެއްވަރަށް އެތަނެއްގެ ކެޕޭސިޓީ އިތުރުކޮށްގެން މިފަދަ ޕްރޮޖެކްޓްތައް ހިންގުމުން ސަރުކާރަށްވެސް ޚަރަދު ކުޑަކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އީޕީއޭއާއި ފެނަކަ ކޯރޕަރޭޝަން އަދި އެމްޑަބްލިއުއެސްސީން ބައިވެރިވެފައިވެއެވެ.