ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ އަމިއްލަ ޚަރަދުގައި ކާށިދޫގައި އެއަރޕޯޓެއް ތަރައްޤީކުރަން ނިންމަވައިފިއެވެ.
މިކަމާގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީ.އާރު.ޕީގެ ލީޑަރު ޖާބިރު ނެރުއްވި ސިޓީފުޅެއްގައި ކާށިދޫގައި އެއަރޕޯޓެއް އެޅުމަކީ ކާށިދޫގެ ކުދި ބޮޑު އެންމެންގެ ހުވަފެނެއް ކަމަށާއި، އެއީ އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެވަޑައިގެންނެވި މުހިއްމު ވަޢުދުފުޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއިއެކު އެކަމުގެ މަޝްވަރާތައް މިހާރު ކުރިއަށްގެންގޮސްފައިވާކަމަށް ވިދާޅުވެފައި ވެއެވެ.
އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާ އާއި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއިއެކު މަޝްވަރާކުރައްވާފައި ވާކަމަށާއި، އެކަމުގައި އެބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުންވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައި ވާކަމުގައި ޖާބިރު ނެރުއްވި ސިޓީފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.
"ޖާބިރު އެއަރޕޯޓް"ގެ ނަމުގައި ކާށިދޫގައި އޭނާގެ އަމިއްލަ ޚަރަދުގައި ތަރައްޤީކުރުމަށް ހަމަޖެހިފައި ވަނީ ޕްރައިވެޓް ޖެޓްތަކަށްވެސް ޖެއްސޭ ފެންވަރުގެ އެއަރޕޯޓެކެވެ. އަދި މި ޕްރޮޖެކްޓުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއްކަމަށްވާ އަޙްމަދު މަހުރީން ވަނީ ހަމަޖައްސަވާފައެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު ވިދާޅުވީ، ކާށިދޫގެ ލޭންޑްޔޫސް ޕްލޭންގައި އެއަރޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ބިން ޙަވާލުކޮށްދެއްވާ، ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމަށް ކައުންސިލުގައި މިހާރު އެދިފައިވާކަމަށެވެ. އަދި މިކަމުގައި ކައުންސިލްގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.
ކާށިދޫގައި އަމިއްލަ ޚަރަދުގައި އެއަރޕޯޓެއް އެޅުމަށް މެމްބަރު ޖާބިރު ނިންމާފައިވާއިރު، ކާށިދުއާއި ގާފަރާއި ދޭތެރޭގައި ކޭބަލް ކާރުގައި ދަތުރުކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސަވާނެކަމުގައިވެސް މަޖިލިސް ކެމްޕޭނުގެ ތެރޭގައި ޖާބިރު ވިދާޅުވެފައި ވެއެވެ.