ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރާ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް 2022 ވަނަ އަހަރުގެ މެދުތެރޭ ނިންމާލެވޭނެކަމުގެ އުއްމީދު އެބައޮތްކަމަށް އެމް.އޭ.ސީ.އެލުން ވިދާޅުވެއްޖެއެވެ.
ވީ.އައި.އޭ ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން އިމާރާތްކުރާ އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، އަލުން އެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ. މި މަސައްކަތް ކުރަމުންދަނީ ސަޢުދީ އަރަބިއްޔާގެ ބިންލާދީން ގްރޫޕުންނެވެ. އައު ޓަރމިނަލުގެ ފައުންޑޭޝަންގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، ޓަރމިނަލްގެ މައި ތަނބުތަކަށް ބޭނުންވާ ޕައިލްތައް ހަރުކުރުމުގެ މަސައްކަތްވެސް ނިމިފައިވަނީ ނިމިފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލްގެ އޮފިޝަލަކު ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާންކޮށް، ގްރޭޓަރ މާލޭ ސަރަޙައްދު ފުރަބަންދުކޮށްފައިވީނަމަވެސް، އެއަރޕޯޓުގައި ކުރިއަށްދާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާލާފައިނުވާ ކަމަށެވެ. އަދި އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްދާކަމަށެވެ.
އެގޮތުން އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓާރމިނަލްގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާކަމަށް އެމް.އޭ.ސީ.އެލްގެ އޮފިޝަލް ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ ޓަރމިނަލްގެ ކޮންކްރީޓް މަސައްކަތްތައް ކަމަށްވެސް ވިދާޅުވިއެވެ.
އައު ޓަރމިނަލްގެ މަސައްކަތް ސަޢުދީ ބިންލާދިން ގްރޫޕާއި އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، ބިންލާދީން ގްރޫޕާއެކު ވެފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނެސް، އެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެމް.އޭ.ސީ.އެލުން އަލުން ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫންމަހުގެ 27 ވަނަ ދުވަހުއެވެ.
އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތަށް 357 މިލިއަން ޑޮލަރު ޚަރަދުވާއިރު، މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. ބިންލާދީން ގްރޫޕާއެކު ފަހުންވީ އެއްބަސްވުމުގެ ދަށުން ޓަރމިނަލްގެ ސައިޒަށް އެއްވެސް ބަދަލެއް ނާންނައިރު، ޓަރމިނަލުގެ އެތެރެއާއި ބޭރުގެ ޑިޒައިންނަށް ބައެއް ބަދަލުތައް ގެނެސް ދިވެހިވަންތަ ސިފަތަކެއް ފެނިގެންދާނެކަމަށް އެމް.އޭ.ސީ.އެލުން ވަނީ ބުނެފައެވެ.
ޓަރމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 30 މަސް ދުވަސް ހޭދަވާނެކަމަށް ބެލެވޭއިރު، އެތަން ބޭނުން ކުރެވޭ ވަރުވާނީ 2022 ވަނަ އަހަރުގެ މެދުތެރޭގައިކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިހާރު ހުރި ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސެންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެއް ނަމަވެސް، އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.