ވިޔަފާރި

48 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސިންގަޕޯރ އެއަރލައިންސްއަށް ގެއްލުމާއި ކުރިމަތިލާން ޖެހިއްޖެ


ސިންގަޕޯރ އެއަރލައިންސްއަށް 48 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ގެއްލުމާއި ކުރިމަތިލާންޖެހިއްޖެއެވެ.

މިއަހަރުގެ މާރޗް މަހުގެ ނިޔަލަށް 12 މަސްދުވަސް ހަމަކޮށް ހަދާފައިވާ ރިޕޯޓަކުން ދައްކާގޮތުން ސިންގަޕޯރ އެއަރލައިންސްއަށް ވަނީ 149.1 މިލިއަން ޑޮލަރުގެ ގެއްލުމަކާއި ކުރިމަތިލާންޖެހިފައެވެ. މިއީ ސިންގަޕޯރ ޑޮލަރުން ބަލާނަމަ 212 މިލިއަންގެ ގެއްލުމެކެވެ. އަނެއްކޮޅުން މިއީ އެ އެއަރލައިންގެ 48 އަހަރުގެ ތެރޭގައިވެސް ގެއްލުމަކާއި ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް 479 މިލިއަން ޑޮލަރުގެ ފައިދާއެއްވުމަށްފަހު މިހާބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހުނީ މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ލިބުނު ފައިދާ ދަށްވުމުގެ ސަބަބުންނެވެ.

ކޯވިޑް19އާ ގުޅިގެން ސިންގަޕޯރ އެއަރލައިނުން ވަނީ އެ އެއަރލައިންގެ %96 މަސައްކަތްތައް ހުއްޓުމަކަށް ގެނެސް މުޅި އެއަރލައިންގެ އޮޕަރޭޝަންތައް މެދުކަނޑާލާފައެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން އެއަރލައިނުން ވަނީ އިތުރު ފްލައިޓްތައް ގެނައުން މަޑު ޖައްސާލާ މުވައްޒަފުންގެ މުސާރަވެސް ކުޑަކޮށްފައެވެ.

ކޯވިޑް19ގެ ސަބަބުން އެއަރލައިންތަކުގެ ދަތުރުތައް ހުއްޓި މުޅި ސިނާއަތް ވަނީ މަޑުޖެހުމަކަށް އައިސްފައެވެ. މީގެ ސަބަބުން މުޅި އޭވިއޭޝަން ސިނާއަތަށް ދަނީ ގެއްލުންވަމުންނެވެ.