ޚަބަރު

ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި


ހދ. ހަނިމާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންމްޕެނީ އެމްޓީސީސީން ފަށައިފިއެވެ. މި މަސައްކަތަކީ ހަނިމާދޫއަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް، ބަނދަރު ބޮޑުކޮށް ޖާގަ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ބޭނުންވާ ހުއްދަތަށް އީޕީއޭއިން ދީފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
މިމަޝްރޫޢުގެ ދަށުން 53ހާސް ކިއުބިކް މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ފުންކޮށް، 270މިޓަރުގެ އެއްގަމު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. އަދި 355 މީޓަރު ސަރަޙައްދުގައި ބޭރު ތޮށިލުމުގެ އިތުރުން ބަނދަރުގައި 50 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫޢާއެކު، ހަނިމަދޫ ރަށްގިރާ ސަރަޙައްދުން 90 މީޓަރުގެ ސަރަޙައްދެއް ހިމާޔަތްކުރުމަށްވެސް ނިންމާފައިވާކަމަށެވެ.

ބަނދަރުގައި ޕޭވްމަންޓް ހެދުމާއި، ލައިޓްހަރުކުރުމުގެ މަސައްކަތްވެސްކުރާނީ އެމްޓީސީސީންނެވެ.

ދިހަމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މިމަޝްރޫޢުގެ މަސައްކަތަށް 57.1 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

މިމަސައްކަތަށް ބޭނުންވާ ސާމާނު، އެ ރަށަށް ގެންދިއުމުގައި ކޯވިޑް-19 ގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަމަށް އެމްޓީސީސީންވަނީ ހާމަކޮށްފައެވެ.