ކޯވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. ކޮންމެ ދުވަހަކުވެސް ނަގާ ސާމްޕަލްތަކުގެ އަދަދު އިތުރުކޮށް ރެންޑަމް ސާމްޕަލްތައްވެސް ދަނީ ނަގަމުންނެވެ. އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދުން ކޯވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއެކު މާލެ ސަރަހައްދުވަނީ ފުރަބަންދުކޮށް ހަރުކަށި ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
ފުރަބަންދުގެ މުއްދަތު 5 ފަހަރެއްގެ މަތިން މާލެ ސަރަހައްދުގައި އިތުރުކޮށްފައިވާއިރު މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށްވަނީ ލުއިތައް ދޭން ފަށާފައެވެ. މި ލުއިތައް ދީފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅައިގެން ކުރިއަށްދެވޭގޮތަށެވެ. ފުރަބަންދަށް ދެވުނު ލުއިތަކާއެކު މިވީ 8 ދުވަހުގެ ތެރޭގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވެފައެއްނުވެއެވެ. ނަމަވެސް ފާއިތުވެދިޔަ 3 ދުވަސް ވެފައިވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދުތަކާއި މެދު ހިންހަމަޖެހުން ގެނުވި 3 ދުވަހަށެވެ.
ފާއިތުވެދިޔަ 3 ދުވަހުގެ ތެރޭގައި ޕޮޒިޓިވްވެފައިވަނީ 42 މީހެކެވެ. މިއާއިއެކު މިމަހުގެ މިހާތަނަށް ވަނީ 110 މީހަކު ޕޮޒިޓިވްވެފައެވެ. މިމަހުގެ މިހާތަނަށް އަދަދުތައް މަދުނަމަވެސް ކޮންމެ ދުވަހަކުވެސް ނަގާ ސާމްޕަލްތަަކުގެ ތެރެއިން 400 އަށްވުރެ ގިނަ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ލެބޯރިޓީގައިވެއެވެ.
ފުރަބަންދަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ލުއިދިން ފަހުން މިހާތަނަށް ޕޮޒިޓިވްވި 426 މީހުންގެ ތެރެއިން 316 މީހުންނަކީ މިދިޔަ މަހުގެ 28 އިން 31 ނިޔަލަށް ފެނުނު ކޭސްތަކެކެވެ. އެމުއްދަތުގައި އެންމެ ގިނަ އަދަދަކަށް ޕޮޒިޓިވްވެފައިވަނީ މިދިޔަމަހުގެ 31 ވަނަ ދުވަހުއެވެ. އެދުވަހު ވަނީ 101 މީހަކު ޕޮޒިޓިވްވެފައެވެ.
- 56 މީހުން ( 28 މެއި 2020 )
- 78 މީހުން ( 29 މެއި 2020 )
- 81 މީހުން ( 30 މެއި 2020 )
- 101 މީހުން ( 31 މެއި 2020 )
- 56 މީހުން ޕޮޒިޓިވްވެ 2 މީހަކު މަރުވި ( 1 ޖޫން 2020 )
- 12 މީހުން ( 2 ޖޫން 2020 )
- 9 މީހުން ( 3 ޖޫން 2020 )
- 22 މީހުން ( 4 ޖޫން 2020 )
- 11 މީހުން ( 5 ޖޫންް 2020 )
ފުރަބަންދަށް ދެވުނު ލުޔާއިއެކު މިވީ 8 ދުވަހުގެ ތެރޭގައި ކޯވިޑް19 ގައި ފަރުވާ ހޯދަމުންދިޔަ 2 މީހަކުވަނީ ނިޔާވެފައެވެ. މާލެ ސަރަހައްދުން ކޯވިޑް-19 ފެނުނުތާ އެއްމަސް ދުވަހުގެ ތެރޭގައި ބަލިޖެހުނު މީހުންގެ އަދަދު ވަނީ 1000 އަށްވުރެ މައްޗަށް އަރާފައެވެ. މިއަދަދު 1000 އަށް ވުރެ މައްޗަށް ގޮސްފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ.
ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޯވިޑް-19ގެ ބަލި މީހެއް އެންމެ ފުރަތަމަ ފެނިފައިވަނީ މާރިޗު މަހުގެ 7 ވަނަދުވަހު ކުރެއްދޫ ރިސޯޓުންނެވެ. އޭގެފަހުން ރިސޯޓްތަކުން މި ބަލީގެ މީހުން ފެންނަމުން އައިސް ދިވެއްސެއްގެ ގައިން އެންމެ ފުރަތަމަ މި ބަލި ފެނުނީ މާރިޗުމަހުގެ 27 ވަނަދުވަހުއެވެ. އެއީ އިނގިރޭސިވިލާތުގައި ދިރިއުޅުމަށްފަހު ރާއްޖެއައި 38 އަހަރުގެ ޒުވާނެކެވެ.
މާލެއިން މި ބަލީގެ މީހަކު ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އެދުވަހު 179 މީހަކަށް މި ބަލި ޖެހިފައިވާކަން ރިޕޯޓްތަކުން ދައްކައެވެ. އޭގެފަހުން މި ބަލީގައި ކޮންމެ ދުވަހަކުވެސް ފެންނަ މީހުންގެ އަދަދު އެވްރެޖްކޮށް އުޅެނީ 20 އިން މަތީގައެވެ.