ޚަބަރު

ހެލިކޮޕްޓަރު ގެނެސް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން ހުއްދަދެވޭނެ - ނަހުލާ


ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ވިދާޅުވާ ހެލިކޮޕްޓަރު ރާއްޖެގެނެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް ނިމުމުން ޓްރާންސްޕޯޓް މިނިސްޓްރީން ދޭންޖެހޭ ހުއްދަ ދެއްވާނެ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އޭނާ ބައްލަވައިގަނެފައިވާކަމަށް ވިދާޅުވާ ހެލިކޮޕްޓަރު ދުއްވުމުގެ ހުއްދައާއި ގުޅޭގޮތުން ކުރެއްވި ސުވާލުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މިނިސްޓްރީ ދޭންޖެހޭ ހުއްދަ ދިނުމުގެ ކުރިން ހެލިކޮޕްޓަރު ގެނައުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުން މިނިސްޓްރީން ދޭންޖެހޭ ހުއްދަ ދެއްވާނެކަމަށެވެ. މިނިސްޓަރގެ ޖަވާބާއި ގުޅިގެން ޖާބިރު ވިދާޅުވީ ހެލިކޮޕްޓަރަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް ހިލޭ ދަތުރުކުރެވޭ ގޮތަށް ޚިދުމަތް ދިނުމަށް ގެންނަ އެއްޗެއްކަމަށެވެ.

" އާދެ، ހެލިކޮޕްޓަރުގައި ދަތުރުކުރެވޭނެ ހުރިހާ ބޭފުޅުންނަށްވެސް. ރާއްޖޭގެ ރައްޔިތުންނަށް ހިލޭސަބަހަށް ޚިދުމަތް ދިނުމަށް އަޅުގަނޑު ގެންނަ ހެލިކޮޕްޓަރެއް މިއީ އިގޭތޯ" ޖާބިރު ވިދާޅުވިއެވެ.

މިކޮމިޓީ ބާއްވާފައިވަނީވެސް ކާށިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ރާއްޖޭގެ ރަށްރަށުގައި އޮޑިދޯނިފަހަރު ގެންގުޅުމުގެ އުސޫލާއި ގުޅޭގޮތުން މިނިސްޓްރީގެ ސިޔާސަތު ސާފުކުރެއްވުމަށެވެ. މިކޮމިޓީގައި މެމްބަރު ޖާބިރު ބައިވެރިވެ ވަޑައިގެންފައިވަނީވެސް ބޮޑުމޮހޮރާގެ ބީޗުގައި ހުންނަވައިގެން، އޮންލައިންކޮށެވެ. ޖާބިރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ރަށްރަށުގެ ބަނދަރުގައި އޮޑިދޯނިފަހަރު އެޅުމާއި އެކަން ކުރާ ގޮތް ބެލުމުގެ ޒިންމާ ކައުންސިލްތަކާއި ހަވާލުކުރެވިފައިވާކަމަށެވެ. މިނިސްޓަރގެ މިވާހަކަތާއި ގުޅިގެން ކޮމިޓީގެ މުޤައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ވިދާޅުވީ މެމްބަރު ޖާބިރުގެ މިފަދަ ކަންބޮޑުުވުންތަކެއް އޮތީ މިފަދަ ހާދިސާތަކެއް ޖާބިރުއާއި ކުރިމަތިވެފައިވާތީކަމަށެވެ.

"އިއްޒަތްތެރި މެމްބަރު މިހާރުވަނީ 2 ފަހަރެއްގެ މަތިން ފަރަށް އަރާފަ. އަޅުގަނޑުމެން އުންމީދުކުރަނީ މިނިސްޓްރީން ގެންނަ ބަދަލުތަކާއިއެކު އެފަދަ ކަންކަން އިއްޒަތްތެރި މެމްބަރަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް ކުރިމަތިނުވުން." ފަލާހް ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބްވެ ވަޑައިގެންފައިވާ މެމްބަރުގެ ތެރެއިން ހެދުން އެޅުމުގައާއި ބަހުސްގައިވެސް އެންމެ ތަފާތު އެއް މެމްބަރެއްގެ ގޮތުގައި ޖާބިރުވަނީ ފާހަގަކުރެވިފައެވެ. ހެލިކޮޕްޓަރެއް ގެނައުމުގެ މަސައްކަތް ޖާބިރު ކުރައްވަމުންދާއިރު ޖާބިރުވަނީ ކާށިދުއާއި ގާފަރާއި ދޭތެރޭގައި ކޭބަލް ކާރުގައި ދަތުރުކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.