ޚަބަރު

މިހަފްތާއިން ފެށިގެން ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބޭނެ- ޓްރާންސްޕޯޓް


ކޯވިޑް 19އާ ގުޅިގެން މެދުކެނޑިފައިވާ ޓްރާސްޕޯޓް މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ފެށޭ ހަފްތާއިން ފެށިގެން ދޭން ފަށާނެ ކަމުގައި ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެ.

ކޯވިޑް 19އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ފޯރުކޮށްދެމުންދިޔަ ޙިދުމަތްތަކުގެ ތެރެއިން ބައެއް ހިދުމަތްތައް ފޯރުކޮށް ދިނުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފުރަބަންދަށް ލުއިތަކެއް ދިނުމާއިއެކު ޙިދުމަތްތައް އޮންލައިންކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވިދާޅުވީ މިނިސްޓްރީން ދެމުންދިޔަ ހުރިހާ ހިދުމަތެއް އަންނަ ހަފްތާއިން ފެށިގެން ފޯރުކޮށްދެވޭނެކަމަށެވެ. ޓްރާސްޕޯޓް މިނިސްޓްރީގެ ގިނަ ހިދުމަތްތަކަކީ ހިދުމަތް ހޯދާ ބޭފުޅުން ސީދާ މިނިސްޓްރީއަށް ވަޑައިގެން ހޯދަމުންދިޔަ ޙިދުމަތްތަކަކަށްވާއިރު، ކޯވިޑް19 ގައި މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން ހިދުމަތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޮންލައިންކޮށް ފޯރުކޮށްދެވެން ހުރި ހިދުމަތްތައް މިނިސްޓްރީން ފޯރުކޮށްދީފައިވާކަމަށް ޝިމާޒް ވިދާޅުވިއެވެ.

މިހަފްތާއިން ފެށިގެން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ލައިސަންސް ދޫކުރުމުގާއި، މުއްދަތު ހަމަވާ ލައިސަންސްތައް އާކުރުންފަދަ ޚިދުމަތްތައް ހިމެނެއެވެ. ޙިދުމަތްތައް ދިނުމުގައި ކުރިން ގެންގުޅުނު ސިސްޓަމް އެކީ ބަދުކުރަންޖެހުމަކީ ކުރިމަތިވި ގޮންޖެހުމަކަށްވިނަމަވެސް އެކަން ފުރިހަމަކޮށް ހިދުމަތް ދިނުމަށް ތައްޔާރުވެފައިވާކަމަށް ޝިމާޒް ވިދާޅުވިއެވެ. އެގޮތުން ރާއްޖެ އަންނަ ބޯޓްފަހަރުތަކުން ދައްކަންޖެހޭ ފީ ދެއްކުން އޮންލައިންކޮށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު، މާލެ ސަރަހައްދު ފުރަބަންދަށް ދިޔަފަހުން މެދުކެނޑިފައިވާ ހުރިހާ ހިދުމަތެއް މިފެށޭ ހަފްތާއިން ފެށިގެން ދިނުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.