ވިލާއިން އދ. މާމިގިލީގައި ހަދާފައިވާ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރަން ހުށައަޅާފައިވާ ހުށައެޅުމަށް ވަރަށް އަވަހަށް ގޮތްތަކެއް ނިންމަވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މި ރޭ އޮތް ރައްޔިތުންގެ މަޖިލީޙުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތުގައި ގިނަ އެއާޕޯޓްތަކެއް އިންޓަނޭޝަނަލް ކުރުމަކީ ގިނަ ފަސޭހަތަކެއް ލިބި، ރާއްޖޭގެ އިގްތިސޯދަށް ވެސް އޭގެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ވިލާ އެއާއިން ހިންގާ މާމިގިލި އެއާޕޯޓް އިންޓަނޭޝަނަލް ކުރުމަށް ހުށައަޅާފައިވާ ކަމަށާ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށެވެ. އަދި މާމިގިލި އެއާޕޯޓް ކުރިން އިންޓަނޭޝަނަލް ކުރި ނަމަވެސް އަލުން އެކަމަށް އެދިފައި ވަނީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި ބޭނުން ކުރުމަށް ފަހުގައި ކަމަށެވެ. އެހެންވުމުން މި ހާލަތުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
ނަހުލާ ވިދާޅުވީ ގައިޑްލައިންނާއި އެއްގޮތަށް ފުރިހަމަވާން ޖެހޭ ކަންކަން ބެލުމަށްފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށޭއިރު އެ ހުއްދަ ދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި، މާމިގިލީ އެއަރޕޯޓް ހުޅުވި ނަމަވެސް، ރައީސް ވަހީދުގެ ވެރިކަމުގައި އެ އެއަރޕޯޓް ވަނީ ބައިނަލްއަގްވާމީ އެއަރޕޯޓަކަށް ބަދަލުކުރިއެވެ. އެހެން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި 2017 ވަނަ އަހަރު އެ އެއާޕޯޓް ޑޮމެސްޓިކް އެއަރޕޯޓަކަށް ވަނީ ބަދަލުކޮށްފައެވެ.