ރިޕޯޓް

ދިވެހި ނޫސްވެރިކަމަށް 77 އަހަރު - ނޫސްވެރިންގެ ޤުރުބާނީގެ އަގުވެސް ވަޒަންކުރަންޖެހޭ!


ތާރީޚުން އެނގޭގޮތުގައި ރާއްޖޭގައި ނޫސްވެރިކަން ފެށިފައި ވަނީ 1943 ވަނަ އަހަރުގެ ޖޫންމަހުގެ ފަހެއްގައި "ސަރުކާރު ޚަބަރު" ގެ ނަމުގައި ނެރުއްވަން ފެއްޓެވި ނޫސް ނެރުއްވަން ފެއްޓެވުމުންނެވެ. މި ނޫހަކީ އޭރު ދުނިޔޭގައި ހިނގަމުންދިޔަ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ޚަބަރުތައް ޢާންމުންނާ ހަމައަށް ގެނެސްދެއްވުމަށާއި ދައުލަތުގެ ފަރާތުން ރައްޔިތުންނަށް އަންގަވަން ބޭނުންވާ ކަންކަން އަންގަވައިދެއްވުމަށް ނެރުއްވަން ފެއްޓެވި ނޫހެކެވެ. ކޮންމެ މަހަކު އެއްފަހަރު ނޫސް މަޖައްލާއެއްގެ ގޮތުގައި ނެރެމުންގޮސް، ސަރުކާރު ޚަބަރު ނެރުން ހުއްޓަވާލެއްވި އިރު އެނޫހުގެ 197 އަދަދު ނެރުއްވާފައި ވެއެވެ.

ދިވެހިރާއްޖެއަކީވެސް އިންސާނީ ވަޞީލަތާއި ޓެކްނިލޮޖީގެ ތަނަވަސްކަން ހުރި މިންވަރުން ފުޅާ ދާއިރާއެއްގައި ނޫސްވެރިކަން ކުރަމުން އަންނަ ޤައުމެކެވެ. ރާއްޖޭގައި ރަސްމީ ސިފައެއްގައި ނޫސްވެރިކަން ފެށުނުފަހުން ފާއިތުވެދިޔަ ގާތްގަނޑަކަށް 77 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ތަފާތު ނޫސްތައް ނެރެމުން ގެންގޮސްފައިވެއެވެ. އެގޮތުން ވިޔަފާރި މިއަދާއި، މޫންލައިޓާއި، ސަންލައިޓާއި، ފަތިހާއި، ހަވީރާއި، އާފަތިހާއި، މިއަދު ނޫހާއި މި ނޫންވެސް ތަފާތު ނަންނަމުގައި ދުވަހު ނޫސްތަކާއި، ހަފުތާ ނޫސްތަކާއި، މަޖައްލާތައް ރާއްޖޭގައި ނެރެމުން ގެންގޮސްފައިވެއެވެ.

ރާއްޖޭގެ ނޫސްވެރިކަމުގެ މުހިންމު ބައެއްކަމުގައިވާ ބްރޯޑްކާސްޓްކުރުން ރާއްޖޭގައި ރަސްމީގޮތުން ފެށިފައިވަނީ ދައުލަތުގެ ރޭޑިއޯ 1962 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 29 ގައި ފެށުމުންނެވެ. އޭގެފަހުން މެދުކެނޑުމެއް ނެތި ރޭޑިއޯގެ ޚިދުމަތް ދެމުން އަންނަތާ މިހާރު 57 އަހަރު ވަނީ ފާއިތުވެފައެވެ. އަދި ރާއްޖޭގައި ޓީވީގެ ޚިދުމަތް ވަނީ 1978 ވަނަ އަހަރުގެ މާރޗް މަހުގެ 29 ގައި ފަށާފައި، މެދުނުކެނޑި ޓީވީގެ ޚިދުމަތް ދެމުން އަންނަތާ މިހާތަނަށް 42 އަހަރު ވަނީ ހޭދަވެފައެވެ. ރާއްޖޭގައި ޕްރައިވެޓް ބްރޯޑްކާސްޓިންގ ފެށިފައިވަނީ، 2007 ވަނަ އަހަރުގެ ތެރޭގައެވެ. ހަމައެހެންމެ އަދި ޓެކްނޮލޮޖީގެ ފަހިކަމާއެކު އޮންލައިން ނޫސްތަކާއި ތަފާތު އެހެން ޕްލެޓްފޯމްތަކުގެ ތެރެއިން ނޫސްވެރިކަމުގެ މަސައްކަތްތައް އަންނަނީ ފުޅާވަމުންނެވެ. މިއީ ޒުވާން ނޫސްވެރިން މި ދާއިރާއަށް ތަޢާރަފުވުމަށްވެސް ހުޅުވިގެންދިޔަ އިތުރު ދޮރުތަކެކެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ނޫސްވެރިކަމުގެ މިނިވަންކަން ދީފައިވެއެވެ. އަދި ރާއްޖެއަކީ ވަރަށް މިނިވަންކަމާއެކު، ނޫސްވެރިކަން ކުރަމުން އަންނަ އަދި ނޫސްވެރިކަން ކުރަމުން އަންނަ ޤައުމެކެވެ. ހޯމް މިނިސްޓްރީންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ރަޖިސްޓަރކޮށްގެން 202 ނޫހާއި މަޖައްލާ އަންނަނީ ނެރެމުންނެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 77 އަހަރު ފުރިގެންދާއިރު، ނޫސްވެރިންނަކީވެސް ޤައުމަށް މުޙިއްމު ޚިދުމަތްތަކެއް ކޮށްދޭ ބައެއްކަން ފާހަގަކޮށްލަންޖެހެއެވެ. ސަރުކާރުން ކުރާ މަސައްކަތްތަކާއި، ރާއްޖޭގެ ސިޔާސީ މަސްރަހުގަޔާއި، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރެވޭ މަސައްކަތަކުގެ މަޢުލޫމާތު އާއްމު ރައްޔިތުންނާއި ހަމައަށް ގެނެސްދޭ މެދުވެރިއަކީ ނޫސްވެރިންނެވެ.

ތަޢުލީމީ ދާއިރާއިންނާއި، ޞިއްޙީ ދާއިރާއިންނާއި، ވިޔަފާރި އާއި، އިޤްތިޞާދީ ދާއިރާއިން ރައްޔިތުންނަށް ބޭނުންވާ އާއްމު މަޢުލޫމާތު ފޯރުވައިދިނުމުގައިވެސް ދިވެހި ނޫސްވެރިން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް ޤައުމީ ބޮޑެތި ކާރިސާތަކާއި ޙާދިސާތަކުގައި، ނޫސްވެރިން އަދާކުރަމުންދާ ދަޢުރާއި، ނޫސްވެރިންގެ ޒިންމާ ވަކި ކުޑައެއްނޫނެވެ.

ވަކިން ޚާއްސަކޮށް ޤައުމީ ބޮޑެތި ކާރިސާތަކާއި ޙާދިސާތަކުގެ ވަގުތުތަކުގައި، އެކަންކަމާގުޅޭ އެންމެފަހުގެ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި ނޫސްވެރިން އަދާކުރަމުންދާ ދަޢުރާއި، ނޫސްވެރިންގެ މަސައްކަތަކީ ގިނަ ފަހަރަށް ޙަވާސާކޮށްލެވޭ މަސައްކަތްތަކެކެވެ.