ވިޔަފާރި

ކޯވިޑް-19 : އިމާރާތްކުރުމުގެ ސިނާއަތަށް 617 މިލިއަން ރުފިޔާގެ ގެއްލުމެއް


ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ފާއިތުވި ތިންމަސްދުވަސްތެރޭ 617 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް ސަރވޭއަކުން ދައްކައިފިއެވެ.

ޔޫއެންޑީޕީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ތައްޔާރުކޮށްފައިވާ "ރެޕިޑް ލައިވްލީހުޑް އެސެސްމަންޓް" ރިޕޯޓުގައިވާ ގޮތުން ކޯވިޑް19ގެ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްސީލްކޮށްދޭ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީއިން ހިއްސާކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުން ކޯވިޑް-19އާ ގުޅިގެން އިމާރަތްކުރުމުގެ މަޝްރޫޢުތައް ހުއްޓިފައިވުމުން އެ ސިނާއަތަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން މަސީގައި ރަޖިސްޓްރީވެފައިވާ 384 ކުންފުންޏެއްގެ މެދުގައި ކުރިއަށްގެންދިޔަ ސަރވޭއިން ހާމަވިގޮތުގައި ފާއިތުވި ތިންމަސް ދުވަސްތެރޭ އިމާރަތްކުރުމުގެ ސިނާއަތަށް 617 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާކަމަށް މިރިޕޯޓުގައިވެއެވެ.

ފާއިތުވި އަހަރަކީ އިމާރާތްކުރުމުގެ ސިނާއަތަށް ލިބުނު ކުރިއެރުން ދަށްވި އަހަރެކެވެ. ސަބަބަކީ ޤައުމުގެ ބިޔަ ބޮޑެތި މަޝްރޫޢުތައް 2018ވަނަ އަހަރު ނިންމާލެވިފައިވުމާއި 2019ވަނަ އަހަރު ފެށުމަށް ރާވާފައިވާ ޕީއެސްއައިޕީގެ ގިނަ މަޝްރޫޢޫތައް ނުފެށި ލަސްވެގެން ދިޔުން ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރިޕޯޓުގައިވެއެވެ. އެހެންނަމަވެސް މިއަހަރު ފެށިގެން ދިޔައީ ވަރަށްވެސް އުއްމީދީ އަހަރެއްގެގޮތުގައި ކަމަށާއި، ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވުމާއި އެކު އިމާރަތްކުރުމުގެ ސިނާއަތަށް މިއަހަރަކީ ބާރުބޮޑުވެގެންދާނެ އަހަރެއްގެ ގޮތުގުއި ޤަބޫލްކުރެވުނު ކަމަށް މަސީއިން ބުނެފައިވެއެވެ.

މިދިޔަ އަހަރު އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްތަކަށް 623.6 މިލިއަން ޑޮލަރުގެ ސާމާނުވަނީ އިމްޕޯޓުކޮށްފައެވެ. އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ފެބްރުއަރީމަހުގައާއި ސެޕްޓެމްބަރމަހުއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އިމާރާތްކުރުމުގެ ސިނާއަތުގައި 5000- 7000 ދެމެދުގެ އަދަދަކަށް ދިވެހިން މަސައްކަތް ކުރެއެވެ. އަދި 40،000-50،000 ދެމެދުގެ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ހަރަކާތްތެރިވެއެވެ.