ޓުއަރިޒަމް

ޕްރައިވެޓް ޖެޓްތައް ޕާކުކުރެވޭނެ ރީޖަނަލް އެއަރޕޯޓްތަކަކީ ކޮބައިތޯ ބަލަނީ


ރާއްޖޭގައި އޮޕަރޭޓްކުރާ ރީޖަނަލް އެއަރޕޯޓުތަކުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޕާކުކުރެވޭނެ އެއަރޕޯޓުތަކަކީ ކޮބައިތޯ ބަލަމުންދާކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 މިހާރުގެ ޙާލަތަށް ބަލައި އަންނަމަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިންނަށް މަރުޚަބާ ކިޔުމަށް ތައްޔާރުވަމުންދާކަމަށް ސަރުކާރުން ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ފަތުރުވެރިންނަށް އަލުން ރާއްޖެ ހުޅުވާލާއިރު، ޝެޑިއުލް ޕަސެންޖަރ ފްލައިޓްތައް ދަތުރުކުރުމުގެ ބަދަލުގައި ފުރަތަމަ ހުއްދަ ދިނުމުގެ ވިސްނުންހުރީ ޕްރައިވެޓް ޖެޓާއި، ޝާޓަރ ފްލައިޓްކަމަށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލަމުންދާ "ސޭފް ޓޫރިޒަމް ގައިޑްލައިން"ގެ ޑްރާފްޓުގައި ބުނެފައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒުޙެއިރު ވިދާޅުވީ، ފަތުރުވެރިންނަށް އަލުން މަރުޚަބާ ކިޔުމަށް ރާއްޖޭން ތައްޔާރުވަމުންދާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ފިޔަވާ، ޕްރައިވެޓް ޖެޓްތަކަށް ޕާކު ކުރެވޭނެ އިތުރު ރީޖަނަލް އެއަރޕޯޓުތަކަކީ ކޮބައިތޯ ބަލަމުންދާކަމަށެވެ.

އަދި މިގޮތަށް ޕްރައިވެޓް ޖެޓްތަކަށް ޕާކު ކުރުމުގެ ހުއްދަ ދެވެން އަންނަނީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކަށް ފެތޭ އެއަރޕޯޓުތަކަށްކަމަށް ޒުޙެއިރު ވިދާޅުވިއެވެ. އެގޮތުން އެފަދަ 3 ރީޖަނަލް އެއަރޕޯޓެއް ފާހަގަކުރެވިފައިވާކަމަށާއި، އެތަންތަނުގައި ޕްރައިވެޓް ޖެޓްތަކަށް ކޭޓަރ ކުރެވޭނެ މިންވަރަކީ ކޮބައިތޯ ބަލަމުންދާކަމަށް ޒުޙެއިރު ވިދާޅުވިއެވެ.

މިގޮތަށް ޕްރައިވެޓް ޖެޓްތައް ޖެއްސުމުގެ ހުއްދަ ދެވޭނީ މަދުވެގެން 1800 މީޓަރު ނުވަތަ 2200 މީޓަރުގެ ރަންވޭ އަކާއި، މެޑިކަލް ފެސިލިޓީތައް ޤާއިމުވެފައި ހުރުމުގެ އިތުރުން ޓާމިނަލްތަކުގައި އިޖްތިމާޢީ ގައިދުރުކަން ބަހައްޓައިގެން ޚިދުމަތް ދެވޭނެފަދަ ޖާގަ އޮތް އެއަރޕޯޓުތަކަށްކަން ސްޓޭޓް މިނިސްޓަރ ޒުޙެއިރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް ދަތުރުތައް ފެށުމުގެ ހުއްދައަށް އެދި މިހާރުވެސް ބައެއް އިންޓަރނޭޝަނަލް އެއަރލައިންތަކުގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުންތައް ލިބެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ އަސަރު މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، ރާއްޖެއަށް އަލުން ދަތުރުތައް ކުރަން ފަށާނެ އެއަރލައިންތަކާއި، ދުވާލެއްގެ މައްޗަށް ދަތުރުކުރާނެ ފްލައިޓަކުގެ އަދަދުތައް ބަރޯސާވާނީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އެ ޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލާ ނިސްބަތަކަށްކަމަށް ސްޓޭޓް މިނިސްޓަރ ޒުޙެއިރު ވިދާޅުވިއެވެ. އަދި ކުރިއަށްއޮތް ދެތިން ހަފްތާގެ ތެރޭގައި ރާއްޖޭގެ އެއަރ ޓްރެފިކަށް އެދެވޭ ބަދަލުތަކެއް އަންނާނެކަމަށް ޤަބޫލުކުރެވޭކަމަށްވެސް ޒުޙެއިރު ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވައިލާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ އެއަރޕޯޓުތަކުގެ ބޭނުން ފުރިހަމައަށް ހިފުން މުޙިއްމުކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. "ސޭފް ރި-އޯޕަނިން އެންޑް ރިވައިވިންގ އޮފް މޯލްޑިވްސް ޓްރެވަލް އެންޑް ޓޫރިޒަމް" މިނަމުގައި ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި ވެބިނަރއެއްގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހުރިހާ ޖެޓުތައް ޖެއްސުމުގެ ބަދަލުގައި ފަތުރުވެރިން އަންނަ ރިސޯޓާއި ކައިރީގައި އޮންނަ އެއާޕޯޓަކަށް އާދެވޭނެ ގޮތެއް މިޙާލަތުގައި ހަމަޖެއްސުން މުހިއްމުކަން މި ވެބިނަރގައި ބައިވެރިވި ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.