ހުޅުމާލެ 2 ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7000 ހައުސިންގ ޔުނިޓް ފުލެޓްތައް ލިބުނު މީހުންގެ ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތް ޖުލައިމަހުގެ ނިޔަލަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.
ހައުސިންގ މަޝްރޫޢުތަކާއި، މިނިސްޓްރީގެ މަސައްކަތްތަކުގެ ތަފްސީލްތައް ދެއްވުމަށް މިއަދު ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ. ބައްދަލުވުމުގައި މެންބަރުން އެންމެ ބޮޑަށް ސުވާލު ކުރިމަތިކުރައްވާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނިމިދިޔަ ސަރުކާރުން އަޅަންފެށި 7000ހައުސިންގ ޔުނިޓް ހަވާލުނުކުރެވި ލަސްވަމުންދާކަމުގެ މައްޗަށެވެ.
ފްލެޓްތައް ހަވާލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މިނިސްޓަރ އާތިފާ ވިދާޅުވީ މިހާރު ކުރިއަށްދާ މަސައްކަތަކީ ފްލެޓްތަކުގެ ޙައްޤުވެރިން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްކަމަަށެވެ.
މި މަސައްކަތް ކުރަނީ ރައީސް އޮފީހުން އެކުލަވާލާފައިވާ ޚާއްސަ ކޮމިޓީއެއްގެ ބެލުމުގެދަށުން، ހައުސިންގ މިނިސްޓްރީގެ އެހީއާއިއެކުއެވެ. މިނިސްޓަރ ވިދާޅުވީ ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ބައެއް މަޢުލޫމާތުތައް ކަށަވަރުކުރުމަށް ފޯމްތައް ހައުސިންގ މިނިސްޓްރީއަށް މިހާރު ފޮނުވާފައިވާކަމަށެވެ. އަދި މި ނިމުނު ހަފްތާއިން ފެށިގެން ފޯމްތަކުގައި ހިމެނޭ ބައެއް މުހިންމު ދާއިރާތަކުގެ މަޢުލޫމާތު ކަށަވަރުކުރުމަށް މިނިސްޓްރީގެ ޓީމްތަކުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
" ފަންސަވީސް ހާހެއްހާ ފޯމް އެބައޮތް. މިހާރު ކްރޮސްޗެކް މިކުރަނީ މިނިސްޓްރީއިން. ހަމަ ހޯމަ ދުވަހު ސަރުކަރު ހުޅުވާލުމާއިއެކު ފޯމްތައް ރައީސް އޮފީހަށް ފޮނުވާނަން. ބޮޑަށް މިހާރު މިބަލަނީ ފްލެޓް ލިބޭ މީހުންގެ އިތުރު ބިމެން ނޫނީ ގޯއްޗެއް އެހެން ތަނެއްގައި އޮތްތޯ."މިނިސްޓަރ އާތިފާ ވިދާޅުވިއެވެ.
ލިސްޓް މިިމަހުގެ ނިޔަލަށް ފައިނަލް ކުރުމަށް މަސައްކަތްކުރަމުންދާއިރު ސަރުކާރުން ވިދާޅުވެފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރަށް މުޅި ޕްރޮޖެކްޓްގެ މަސައްކަތް ނިންމައި، އަހަރު ނިމުމުގެ ކުރިން ފްލެޓްތައް ހައްޤުވެރި ފަރާތްތަކާއި ހަވާލުކުރަން ފެށޭވަރުވާނެކަމަށެވެ.
ހައުސިންގ ވަޢުދުތަކުގެތެރޭގައި މިއަހަރުގެ ނިޔަލަށް 7000 ހައުސިންގ ޔުނިޓް ހަވާލުކުރާނެކަމަށް ސަރުކާރުން ވަނީ މީގެކުރިން ހާމަކުރައްވާފައެވެ.
ފްލެޓްތަކުގެ އިމާރާތުގެ ސްޓްރަކްޗަރ މަސައްކަތްތައް މިހާރުވަނީ މުޅިންހެން ނިމިފައެވެ. މިހާރު ކުރިއަށްދާ އެންމެ މުހިންމު މަސައްކަތަކީ ޔޫޓިލިޓީ އާއި ގުޅުންހުރި މަސައްކަތްތަކެވެ.
މި ޕްރޮޖެކްޓްގެ ދަށުން 25 ބުރީގެ 16ޓަވަރުގެ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަނީ އިމާރާތްކޮށްފައެވެ.