ވިޔަފާރި

ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލާއިރު، ސަރަޙައްދީ އެއަރޕޯޓުތަކުގެ ބޭނުން ހިފަންޖެހޭ


ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ އެއަރޕޯޓުތަކުގެ ބޭނުން ފުރިހަމައަށް ހިފުން މުޙިއްމުކަމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނެފިއެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްއިން ބޭއްވި "ސޭފް ރި-އޯޕަނިން އެންޑް ރިވައިވިންގ އޮފް މޯލްޑިވްސް ޓްރެވަލް އެންޑް ޓޫރިޒަމް" ވެބިނަރގައި ރާއްޖޭގެ ފަތުރުވެރިކަމުގު ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތ ބައެއް ފަރާތްތަކުން ވަނީ ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާރސް، މަޓާޓޯގެ ފަރާތުން އަބްދުﷲ ޤިޔާސް، މަންޓާ އެއަރގެ ސީއީއޯ މުޙައްމަދު ޚަލީލް، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް މުރާދު ހަސަން އަދި ސޮނެވޭ ރިސޯޓްސްގެ ބާނީ އަދި ސީއީއޯ ސޯނޫ ސިވްދާސަން ހިމެނެއެވެ.

ޖުލައިމަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު މިއަދު ބޭއްވި ވެބިނަރގެ ބައިވެރިން ވަނީ މިކަމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދައްކާފައެވެ.

މަންޓާ އެއަރގެ ސީއީއޯ މުޙައްމަދު ޙަލީލް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެއަރޕޯޓްތަކުގެ ބޭނުން ހިފާ، ރިސޯޓްތަކާއި ކައިރީގައި އޮންނަ އެއަރޕޯޓަކަށް ފަތުރުވެރިންނަށް ދެވޭނެ ގޮތެއް ހަމަޖެއްސުން މުޙިއްމުކަމަށެވެ. ޚަލީލް ފާހަގަކުރެއްވި ގޮތުގައި ފަތުރުވެރިން ކޯވިޑްއަށް ޓެސްޓްކުރަންޖެހޭއިރު، ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ބޭނުންކުރާނަމަ ބާރުބޮޑުވެގެންދާނެކަމަށެވެ.

" ރާއްޖޭގެ އެކި ހިސާބުތަކުގައި އެބަހުރި ރަނގަޅު ފެންވަރުގެ އެއަރޕޯޓުތައް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހުރިހާ ޖެޓުތައް ޖެއްސުމުގެ ބަދަލުގައި ފަތުރުވެރިން އަންނަ ރިސޯޓާއި ކައިރީގައި އޮންނަ ރިސޯޓަކަށް އާދެވޭނެ ގޮތެއް ހަމަޖެއްސުން މުޙިއްމު،" ޙަލީލް ވިދާޅުވިއެވެ.

ވެބިނަރގެ ބައިވެރި އެހެން ފަރާތްތަކުން ޚަލީލްގެ ވާހަކަފުޅަށް ތާޢީދުކުރެއްވިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީކޮށްފައިވާ ބައިނަލްއަޤްވާމީ އެއަރޕޯޓުތަކުގެ ބޭނުންވެސް ފުރިހަމައަށް ހިފުން މި ދަނޑިވަޅުގައި މުޙިއްމުކަމަށް ބައިވެރިން ބުންޏެވެ.

ޖުލައިމަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ނަމަވެސް އެދުވަސްވަރު ރާއްޖެ އަންނާނެ ފަތުރުވެރިންގެ އަދަދު މަދުވާނެކަމަށް ލަފާކުރެވޭކަމަށް ވެބިނަރގެ ބައިވެރިން ފާހަގަކުރިއެވެ.

ޖުލައިމަހު ފަތުރުވެރިކަން އަލުން ފެށުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު ސޭފް ޓުއަރިޒަމް ޤައިޑްލައިނެއް ތައްޔާރުކޮށް ސަރުކާރުން ދަނީ ކަމާބެހޭ ފަރާތްތަކާއެކު އެކަމާ ގުޅޭ މަޝްވަރާތައް ބާއްވަމުންނެވެ.