ޚަބަރު

ބޭރުގައި ތިބި ދިވެހިން ގެނައުމުގެ އުސޫލާއި، ތިލަފުށީގައި ހިނގި ހަމަނުޖެހުމުގެ ތަފްސީލް މަޖިލީހުން ހޯދަނީ


ރާއްޖެއިން ބޭރުގައިތިބި ދިވެހިން ރާއްޖެ ގެނައުމުގައި ގެންގުޅޭ އުސޫލުތަަކާއި، މިހާލަތުގައި ޖަލުތަކުގެ ހަލަތާއި، ތިލަފުށީގައި ފުލުހުންނަށް ހަމަލާދީ ބިދޭސީންގެ ބަޔަކު ހިންގި ހަމަނުޖެހުމުގެ ތަފްސީލް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެމްބަރުންވަނީ މިމައްސަލަތަކާމެދު އެމެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ. ކޯވިޑް19 އާއި ގުޅިގެން ބޭރުގެ އެކި ގައުމުތަކުގައި ތާށިވި ދިވެހިންނާއި، އެކި ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަބަޔަކު ގެނައުމުގެ މަސައްކަތް ކުރާއިރު މިކަންކަން ކުރަމުންދާ އުސޫލު ސާފްކުރެއްވުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

މެމްބަރު ހަސަން އަފީފް ވިދާޅުވީ، މިހާރުވެސް ގިނަބަޔަކު ރާއްޖެ ނާދެވިފައިވާކަމުގެ ޝަކުވާ ލިބެމުންދާއިރު، މީހުން ގެނައުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި މިފަދަ ދުވަސްވަރެއްގައި ދަތުރުފަތުރު ކުރުމަކީ ފަސޭހަކަމަކަށް ނުވާއިރު މިކަމުގައި ފޮރިން މިނިސްޓްރީން ގެންގުޅުއްވާ ސިޔާސަތު މެމްބަރުންނަށް އެގުމަކީވެސް މުހިންމު ކަމެއްކަމަށެވެ.

ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން އިންޑޮނީޝިއާގެ ބާލީގައި ނާދެވި ތާށިވެފައިހުރި ދިވެހި މީހާއާއި ގުޅޭގޮތުންވެސް މިއަދުގެ ކޮމިޓީގައި ވަނީ މަޝްވަރާކޮށްފައެވެ. މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ މިމީހާއަށް ނާދެވި ތާށިވެފައިވުމުން މިކަން ހިނގައިދިޔަ ގޮތެއްވެސް މިނިސްޓްރީން ސާފުކޮށްދެއްވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކޯވިޑް19 އާއި ގުޅިގެން ދަތުރުފަތުރު ހުއްޓި އެކި ޤައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން މެދު ކެނޑުމެއްނެތި ދަނީ ކުރައްވަމުންނެވެ. މިހާތަނަށް 2000 އާއި ގާތް ކުރާ އަދަދަކަށް މީހުން ގެނެސްފައި ވާއިރު، ރާއްޖޭގެ ފެސިލިޓީސްތަކުގައި ޖާގަހުރި މިންވަރަކަށް ބަލައި މީހުން ގެންނަމުންދާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ކޯވިޑް19 ގެ ހާލަތާއި އެކު ފޮރިން މިނިސްޓްރީ ވަނީ ބޭރުގައި ތިބި ދިވެހިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އަންގަވާފައެވެ. އަދި މިނިސްޓްރީން ދަނީ އެކި ޤައުމުތަކުގައި ތިބި ދިވެހިންނަށް އެމްބަސީތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ. އެގޮތުން ގައުމުތަކުގައި ނާދެވިފައި ތިބި ދިވެހިންނަށް ބޭނުންވާ އަސާސީ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތްވެސް ދަނީ ކުރައްވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި މެމްބަރު ހައިތަމް ވަނީ ކޯވިޑް19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ހިގަމުންދިޔަ ހުރިހާ ކަމަކަށް އައިބަދަލުތަކާއިއެކު ގައިދީންނާއިމެދު އަމަލުކުރާގޮތްތަކާއި، އަދި ޖަލުތަކުގެ މިހާރުގެ ހާލަތު އޮޅުންފިލުވުމަށްވެސް ހުށައަޅުއްވާފައެވެ. މީގެ އިތުރުން ކ. ތިލަފުށީގައި ބިދޭސީންގެ ބަޔަކު ހަމަނުޖެހުން ހިންގައި ފުލުހުންނަށް ހަމަލާދިން މައްސަލައިގައި ކަންހިނގައި ދިޔަ ގޮތާއި މިހާރު އަމަލުކުރެވެމުންދާގޮތް ބެލުމަށްވެސް ވަނީ ނިންމާފައެވެ.

ތިލަފުށީގައި ބިދޭސީންތަކެއް ފުލުހުންނަށް ހަމަލާދީ ހިންގި ހަމަނުޖެހުމުގައި ދެ ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަދި މި ހަމަނުޖެހުމާއި ގުޅިގެން 133 ބިދޭސީއަކު އެވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް ފަހުން ވަނީ 7 މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު ވަނީ މި 4 ހުށަހެޅުންވެސް އެ ކަމަކާއި ގުޅުންހުރި އިދާރާތަކަށް ފޮނުވައި އެކަންކަން ސާފުކުރެެއްވުމަށް ނިންމަވާފައެވެ.