ޚަބަރު

ކޯވިޑުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް: ޑރ. ކެރިއްސާ


މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ޙާލަތް ފަދަ ޙާލަތްތަކުގައިދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެންމެން އެއްގަލަކަށް އެރުވުންކަމަށާއި، ރާއްޖެއިން އަމަލު ކުރަމުން ދަނީ ފާހަގަކޮށްލެވޭ ފަދަ ރަނގަޅުގޮތެއްގައި ކަމަށް، ދިވެހި ޑޮކްޓަރުންގެ ޓީމާއެކު މަސައްކަތްކުރައްވަމުންގެންދަވާ ޑރ. ކެރިއްސާ ސެންޑިސަން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުމުގައި ރާއްޖެއިން މިދަނޑިވަޅުގައި ޢަމަލުކުރަމުންދާ ގޮތާއިބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ކެރިއްސާ ވިދާޅުވީ ރާއްޖެއިން ޢަމަލުކުރަމުން ދަނީ ފާހަގަކޮށްލެވޭ ރަނގަޅު ގޮތެއްގައި ކަމަށެވެ. އެގޮތުން މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި އެންމެން އެކައްޗެއްކިޔައި އެއްއަމާޒަކަށް މަސައްކަތްކުރުމަކީ ވަރަށް ގޮންޖެހުން ބޮޑުކަމެއްކަން ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ބޮޑެތި ބަލިމަޑުކަމުގެ ހާލަތްތަކުގައި މަސައްކަތްކުރައްވާފައިވާ ޑރ.ކެރިއްސާ ވިދާޅުވިއެވެ.

ސިއްޙީގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި ނިންމުންތައް ނިންމުމުގައި ދައްކަމުންދާ ނަމޫނާ ޑރ.ކެރިއްސާ ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާ ރާއްޖޭގައި ކޯވިޑްގެ ނަމްބަރުތަކަށް ބަލާލުމުން ވަރަށް ރަނގަޅަށް ފެންނަމުންދާކަމަށް ޑރ.ކެރިއްސާ ފާހަގަކުރެއްވިއެވެ.

"މިއީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކަމެއް. މިކަމުން އަރައިގަނެވޭނީ އެންމެން ގުޅިގެން. ކުއްލި ފަރުވާ ދިނުމަށް ތައްޔާރަށް ތިބުމަކީ މުހިއްމުކަމެއް. މިކަމުން އަރައިގަތުމަށް ދަނީ މަސައްކަތްކުރަމުން. އެކަމަކު ހުރިހާ އެންމެންވެސް ޤަބޫލުކުރަންޖެހޭ ކަމެއް އެއީ ކޮންމެ ފަދަ ދަނޑިވަޅެއްގައިވެސް މިކަން އަތުން ނެއްޓިގެން ހިނގައިދާނެކަން." ޑރ.ކެރިއްސާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެފްރިކާއިން ރާއްޖެއަށް ވަޑައިގެން ހުންނެވި ޑރ. ބްރޫސް ސްޓޯވަރ ވިދާޅުވީ މީހުން ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންދާ ނިސްބަތަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު ބާރު އެމެރިކާ އާއި އަޅައިކިޔާއިރު ރާއްޖެއިން މަސައްކަތްކޮށްފައި ވަނީ ފާހަގަކޮށްލެވޭފަދަ ރަނގަޅަށް ކަމަށެވެ.

"ބަލި ޖެހެމުންދާ ގޮތަށް ބަލާއިރު ކުއްލި ފަރުވާއަށް ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭންޖެހެނީ 5 އިންސައްތަ މީހުންނަށް." ޑރ. ބްރޫސް ސްޓޯވަރ ވިދާޅުވިއެވެ.

ޑރ.ކެރިއްސާ އާއި ޑރ. ބްރޫސްއަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ކޯވިޑްގެ ޙާލަތުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްރިކާއިން ރާއްޖެ ވަޑައިގެން އުޅުއްވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ދެ ޑޮކްޓަރުންނެވެ.