ޚަބަރު

ސްކޫލްތަކަށް 12000 އަށްވުރެ ގިނަ އަތްދޮންނަ ފުޅި ހޯދަނީ


ސްކޫލްތަކުގެ ކުލާސްރޫމްތަކުގައި އަތް ދޮންނަން ބޭނުން ކުރުމަށް 12,500 ސައިބޯނި ފުޅި ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ސަރުކާރުގައި ގެޒެޓްގައި އިއްޔެ ކޮށްފައިވާ އިއުލާންގައިވާ ގޮތުން އަތް ދޮންނަ ސައިބޯނި ފުޅި ސްކޫލްތަކަށް ހޯދަނީ ޔުނިސެފްގެ އެހީގައި އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ "ސްކޫލް ވޮޝް ޕްރޮގްރާމް"އަށެވެ.

އެ އިއުލާންގައިވާ ގޮތުން އަތްދޮންނަ ސައިބޯނިފުޅި ފޯރުކޮށްދޭން ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. އަދި އެ ބިޑްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިއަދުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށްވަނީ ހުޅުވާލާފައެވެ. އެހެން ކަމުން އެ ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށްވެސް އެ އިއުލާންގައިވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން ބަންދުކޮށްފައިވާ ރާއްޖޭގެ ސްކޫލްތައް އެންމެ އަވަހަށްވެސް ހުޅުވާނެކަމަށް ލަފާކުރެވެނީ މިމަހުގެ 14 ވަނަ ދުވަހު ދެވަނަ ސެމިސްޓަރާއެކުގައި ކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުންވަނީ ހާމަކުރައްވާފައެވެ.

އައު ޢާއްމު ޙާލަތުގައި ސްކޫލުތަކުގައި ކިޔެފުން ފެށޭއިރު ހަތަރު ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދޭން ޖެހިދާނެކަމަށާއި އެގޮތުން އައު ޢާއްމު ޙާލަތުގައި ސްކޫލްތަކުގެ ކިޔެވުން ކުރިއަށް ގެންދިޔުމުގެ ޕްލޭންތައް މިހާރު ހަދަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި ޙާލަތުގައި ކިޔަވައިދޭއިރު ދަރިވަރުން ސްކޫލުގައި ހޭދަކުރާ ވަގުތު ކުޑަވާނެކަމަށާ ގިނަ ވަގުތު ހޭދަކުރާނީ ޑިސްޓެންސް މޯޑުގައި ނުވަތަ ގައިދުރުކޮށް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އަދި އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފެށުމަށް ސޯޝަލް ކައުންސިލްގެ ލަފަޔާއެކު މިހާރު ނިންމާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީންވަނީ މީގެކުރިން ހާމަކުރައްވާފައެވެ. މި ބަދަލު ދާއިމީ ބަދަލަކަށް ހަދަން ފެނޭތޯ ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިމަޝްވަރާތަކަށްފަހު އެކަޑަމިކް ކަލަންޑަރަށްގެނެވޭ ބަދަލުތައް ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.