ވިޔަފާރި

ބޯޑަރުތައް ހުޅުވާލުމުން އެމެރިކާ ފަތުރުވެރިން ދަތުރުކުރަން އެންމެ ބޭނުންވަނީ ރާއްޖެއަށް


ޤައުމުތަކުން ބޯޑަރުތައް ހުޅުވާލުމާއެކު އެމެރިކާ ފަތުރުވެރިން ދަތުރުކުރަން އެންމެ ބޭނުންވާ މަންޒިލަކީ ރާއްޖެކަމަށް "އިންޝުއަރ މައި ޓްރިޕް"އިން ހާމަކޮށްފިއެވެ.

ފަތުރުވެރިންނަށް ބޭނުންވާ އިންޝުއަރެންސްއާއި ގުޅޭ ޙިދުމަތްދޭ މަޝްހޫރު ކުންފުންޏެއް ކަމަށްވާ 'އިންޝުއަރމައި ޓްރިޕް' އިން ހާމަކުރާގޮތުގައި، އެމެރިކާގެ ފަތުރުވެރިން އެންމެ ދާން ބޭނުންވަނީ ޖަޒީރާ މަންޒިލްތަކަށެވެ. އެގޮތުން އެކުންފުނިން އެކުލަވާލާފައިވާ 10 މަންޒިލެއް ހިމެނޭ ލިސްޓުގައި ޖަޒީރާ ފަސް ޤައުމެއް ހިމެނެއެވެ.

އިންޝުއަރމައި ޓްރިޕުން މި ލިސްޓު ތައްޔާރުކޮށްފައިވަނީ ގޫގަލްގައި ޤައުމުތަކާއި ގުޅޭ މައުލޫމާތު އާއްމުން ހޯދާފައިވާ މިންވަރަށް ބަލައިގެންނެވެ. ކޯވިޑް-19އާ ގުޅިގެން ގޭގައި ހޭދަކުރާ ވަގުތުތައް އިތުރުވެފައިވާއިރު، މި މުއްދަތުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމާއި ގުޅޭ މައުލޫމާތު ހޯދުމަށް 18100 ފަހަރު ގޫގަލްގައި މައުލޫމާތު އޮޅުންފިލުވާފައިވެއެވެ.

ރާއްޖެއާ ގުޅޭގޮތުން މައުލޫމާތު އެންމެ ގިނަ އަދަދަކަށް ހޯދާފައިވަނީ އެމެރިކާގެ ކެލިފޯނިއާ، ނިއުޔޯކް އަދި ޕެންސިލްވޭނިއާގެ މީހުންނެވެ. އެމެރިކާ ފަތުރުވެރިންގެ މެދުގައި ދެވަނަ އަށް އެންމެ މަޤްބޫލް މަންޒިލަކީ ގްރީސްއެވެ. ތިންވަނަ އަށް ފީޖީ އަދި ހަތަރުވަނައަށް އެންމެ ގިނަ އަދަދެއްގެ ބަޔަކު މައުލޫމާތު އޮޅުން ފިލުވާފައިވަނީ ކޯސްޓާރިކާއާއި ބެހޭގޮތުންނެވެ.

އެމެރިކާއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން ހުސްވި އަހަރުގެ ތެރޭ އެޤައުމުން ރާއްޖެއަށް 54474 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2018ވަނަ އަހަރާއި އަޅާ ބަލާއިރު 27 އިންސައްތަ އިތުރު އަދަދެކެވެ. އެމެރިކާއަކީ ރާއްޖެއަށް 8 ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.