ޚަބަރު

އެސްޓީއޯ މެދުވެރިކޮށް 2507 ބޭސް ސިޓީއަކަށް ރާއްޖެއިން ބޭރުން ބޭސް ގެނެސްދީފި


އެސްޓީއޯ މެޑިކަލްސް މެދުވެރިކޮށް މިހާތަނަށް 2507 ބޭސްސިޓީއަކަށް ރާއްޖެއިން ބޭރުން ބޭސް ގެނެސްދީފައިވާކަމަށް ނޭޝަނަލް އެމަޖަންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީން ބުނެފިއެވެ.

ކޯވިޑް-19ގެ އެންމެ ފަހުގެ ތަފްސީލް ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންއީއޯސީގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެކިކަހަލަ ބޭހުގެ ތެރެއިން ރާއްޖެއިން ނުލިބޭ ބޭސް ބޭރުން ގެނައުމަށް އެސްޓީއޯއިން މަސައްކަތް ކުރާކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން މިހާތަނަށް 2507 ބޭސް ސިޓީއަަކަށް ބޭސް ގެނެސްދެވިފައިވާކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ބޭރުން ބޭސް ގެނެސްދިނުމުގައި އެސްޓީއޯއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިކަމަށް އެދޭއިރު ޤަވައިދުތަކާ ހިލާފަށް އެދިފައި ހުރުންކަމަށް އެސްޓީއޯއިން މައުލޫމާތުދޭކަމަށް މަބްރޫކް ވިދާޅުވިއެވެ. މިގޮތުން ޤަވައިދާ ހިލާފަށް އެދޭ ބޭސްތައް ބޭރުން ނުގެނެސްދެވޭނެކަން ބޭސް ގެންނަން އެދޭ ފަރާތްތަކަށް އަންގާފައިވާކަމަށް އެސްޓީއޯއިން ބުނެފައިވާކަމަށެވެ.

ކޯވިޑް-19 ބަލިމަޑުކަން ރާއްޖޭގައި ފެތުރެން ފެށުމާއި ގުޅިގެން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ބޭރުގެ ފްލައިޓްތަކާއި، ފޯސްޓް ފަދަ ހިދުމަތްތައް ވަނީ ހުއްޓާލާފައެވެ. މިކަމާއި ގުޅިގެން ރާއްޖެއިން ނުލިބޭ ބޭސް ގެނައުމަށް އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ގެނައުމަށް އެސްޓީއޯ މެޑިކަލްސްއިން ދަނީ ބޭރުން ބޭސް ގެނެސްދިނުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މިހިދުމަތް އެސްޓީއޯ އޮންލައިން ޕޯޓަލް https://www.sto.mv/Online/Prescriptions މެދުވެރިކޮށް ދަނީ ދެމުންނެވެ. ނަމަވެސް މިހިދުމަތައް އެދޭއިރު، މިކަމަށް ބޭނުންވާ ލިޔެކިއުމާއި، ފޯމް ފުރުމުގައި ސަމާލުވުމަށް އެސްޓީއޯއިން ދަނީ ތަކުރާރުކޮށް ހަދުމަކޮށްދެމުންނެވެ.