ޚަބަރު

ގާނޫނު އަސާސީ އިސްލާހްކުރި މެމްބަރުންނަށް ބަންޑާރަ ނައިބުގެ ޝުކުރު


ގާނޫނު އަސާސީއަށް އިސްލާހް ގެނެސް ލާމަރުކަޒީ ނިޒާމް މެދު ކެނޑުމެއްނެތި ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކޮށްދެއްވި މަސައްކަތައް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ޝުކުރު އަދާކުރައްވައިފިއެވެ.

ރޭގައި ގާނޫނު އަސާސީއަށް އިސްލާހް ގެނެސްފައިވަނީ ކައުންސިލް އިންތިޚާބު މިދަނޑިވަޅުގައި ނުބޭއްވުނު ނަމަވެސް އިންތިޚާބު ބޭއްވި އާ ކައުންސިލަރުން ހުވާ ކުރުމާ ހަމައަށް މިހާރު ތިއްބެވި ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ ކަމަށް ކަނޑައެޅުމަށެވެ. އެ ބިލް ފާސްވުމާ އެކު ބަންޑާރަ ނައިބު ކުރެއްވި ޓުވީޓްގައި އެއީ ރައްޔިތުންގެ މަޖިލީހުން ކުރި އިޚްލާސްތެރި މަސައްކަތެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާ އައު ކައުންސިލަރުންގެ އިންތިޚާބުކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 74 މެމްބަރުންގެ ތާއީދާއެކުއެވެ.

މިހާރު މަގާމުގައި ތިބި ކައުންސިލަރުންނަށް ދައުރު ހަމަވުމަށްފަހު މަގާމުގައި ތިބެވޭނީ ގާނޫނު އަސާސީ އިސްލާހްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހަށް ބަންޑާރަ ނައިބު ލަފާ އަރުއްވާފައިވެސްވެއެވެ. ނަމަވެސް ގާނޫނު އަސާސީ އިސްލާހް ކުރުމާ މެދު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވުމުން ސުޕްރީމް ކޯޓުގައި ރައްޔިތުންގެ މަޖިލީހުން އިސްތިޝާރީ ލަފައަކަށް އެދިފައިވެއެވެ. ސުޕްރީމް ކޯޓުންވެސް ލަފާ ދެއްވީ ކައުސިލަރުން އައްޔަން ކުރަންވާނެ ގޮތް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާތީ އެނޫން ގޮތަކަށް މަގާމުގައި ކައުންސިލަރުންނަށް ތިބެވޭނީ ގާނޫނު އަސާސީ އިސްލާހް ގެނެސްގެން ކަމަށެވެ.

ނަމަވެސް ގާނޫނު އަސާސީ އިސްލާހް ކުރުމަށް ދެކޮޅު ކަމަށްބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރެއެވެ.