ރިޕޯޓް

އަހަރެންގެ ދަތުރުގެ ބައިވެރިއަކީ "ހިޔަލަ"


ދިވެހިންގެ ތެރޭގައި ތަންތަނަށް ދަތުރުކުރުމާއި، އައު ކަންކަން ތަޖުރިބާކުރުމަކީ މިހާރު ވަރަށް އާއްމުކަމެކެވެ.

ގިނަފަހަރަށް މިގޮތަށް ތަންތަނަށް ދަނީ "ޓްރެވަލް ކޮމްޕޭނިއަން"އެއް ނުވަތަ ބައިވެރިއަކު ގޮވައިގެންނެވެ. އެގޮތުން ޗުއްޓީތަކާ ދިމާކޮށް އާއިލާ މެންބަރުން ނުވަތަ ރައްޓެހިންނާއެކު ގްރޫޕް ހާދާފައި ތަންތަނަށްދާ ދިވެހިންވެސް މިހާރު މަދެއްނޫނެވެ. އަދި މިގޮތަށް ތަންތަނަށް ދަތުރުގޮސް ނަގާ ހިތްގައިމު ފޮޓޯތަކުން ދިވެހިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ފަޅުފިލުވާލަދެއެވެ.

ދުނިޔޭގެ ތަފާތު މަންޒިލްތަކަށް އެންމެ ގިނައިން ދަތުރުކުރެވޭނެ އެއްބަޔަކަށް ކެބިން ކްރޫންނާއި އެއަރ ހޯސްޓެސްވާނެއެވެ. ނަމަވެސް އެމީހުންގެ ވަޒީފާގެގޮތުން ގިނަ ފަހަރަށް މިގޮތަށް ކުރާ ދަތުރުތަކުގައި އެމީހުންގެ ކޮމްޕޭނިއަނުންނަށް ވަނީ ރައްޓެއްހިންނެއް ނުވަތަ އާއިލާ މެމްބަރުންނެއް ނޫނެވެ. އެމީހުންގެ ދަތުރު ބައިވެރިންނަކީ އެކުގައި ދަތުރުކުރާ ކްރޫ މެންބަރުންނެވެ.

ކޮންމެ އަހަރެއްގެވެސް 31 މެއި ފާހަގަކުރަނީ ބައިނަލްއަޤްވާމީ ފްލައިޓް އެޓެންޑެންޓުންގެ ދުވަހުގެގޮތުގައެވެ. މިދުވަހާ ދިމާކޮށް ފްލައިޓް އެޓެންޑެންޓުގެ ގޮތުގައި މަސައްކަތްކުރާ ދިވެހި ކްރޫންވެސް ވަނީ އެމީހުންގެ މަސައްކަތުގެ ތަޖުރިބާ ދައްކުވައިދޭ ތަފާތު ފޮޓޯތަކާއެކު ދުވަހުގެ ޝުޢޫރުތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މިގޮތަށް ކޮށްފައިވާ ޕޯސްޓެއްގެ ތެރެއިން ދުބާއީގައި މަސައްކަތްކުރާ ދިވެހި ކެބިން ކްރޫއެއްކަމަށްވާ ޝާޔަން ޙުސެއިން ކޮށްފައިވާ ޕޯސްޓު އެހެން ޕޯސްޓުތަކާ ތަންކޮޅެއް ތަފާތެވެ.

ގިނަ ކެބިން ކްރޫންނާވެސް ޚިލާފަށް ޝާޔަންގެ ޓްރެވަލް ކޮމްޕޭނިއަނަކަށްވީ "ބާބީ" ބުދެކެވެ. ނަމަކަށް ދީފައިވަނީ "ހިޔަލަ"އެވެ. 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ދުބާއީގައި ކެބިން ކްރޫއެއްގެ ވަޒީފާ އަދާ ކުރަމުންދާ ޝާޔަންގެ ދަތުރުތަކުގައި އޭނާގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިއަކީ "ހިޔަލަ"އެވެ.

ޝާޔަން ޓުވިޓްކޮށްފައިވާ ޕޯސްޓުގައި "ހިޔަލަ"އާއެކު ތަފާތު އެކި މަންޒިލްތަކަށް ކޮށްފައިވާ ދަތުރުތަކުގެ ހަނދާންތަކުގެ ފޮޓޯތަކެއް ހިއްސާކުރިއެވެ. މި ފޮޓޯތަކުން އެންމެ އަޅައިގެން ކަމަކީ "ހިޔަލަ" ލައްވާފައިހުރި ތަފާތު ކޮސްޓިއުމްތަކެވެ. ތަފާތު އެކި ޤައުމުތަކުގެ ސަޤާފަތާއި ހެދުންއެޅުމުގެ އެކި ފެޝަން ޓްރެންޑްތައް ފެނިގެންދެއެވެ. ޓުވިޓާގައިވާ ޕޯސްޓާއި، ޝާޔަންގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން "ހިޔަލަ"އަށް ދިވެހި ރަތް ލިބާސް ލައްވައިގެން ނަގާފައިވާ ފޮޓޯތައް ވަރަށްވެސް ތަފާތުވެފައި ބަލާލަން ހިތްގައިމެވެ.

ދާދިފަހުން އަޅުގަނޑުމެންނަށް ޑިޒްނީގެ މަޝްހޫރު "ޕްރިންސެންސް"ތައް ދިވެހި ސަޤާފީ ހެދުންތަކުގައި ފެންނަ ފޮޓޯތަކެއްވެސް ފެނިގެންދިޔައެވެ. މިހާރު މިއޮތީ ބާބީވެސް ސަޤާފީ ހެދުން ލައްވާފައެވެ.

ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަމުން ޝާޔަން ބުނީ، "ހިޔަލަ" ލައްވާފައިވާ ރަތް ލިބާހަކީ އޭނާއަށް ހަދިޔާއަކަށް ލިބުނު އެއްޗެއްކަމަށެވެ. އަދި ބާބީ ބުދަށް ބޭނުންވާ ހެދުމާއި، އެހެނިހެން ސާމާނު އޭނާ ހޯދަނީ ދަތުރުތަކުގައި މަޑުކުރުމުގެ ފުރުޞަތު ލިބޭ އެކި މަންޒިލްތަކުގައި ހުންނަ ފިހާރަތަކުންކަމަށެވެ. "ހިޔަލަ"ގެ ކެބިން ކްރޫ ޔުނިފޯމަކީ އެއަރލައިންގެ ރަސްމީ ސްޓޯރއިން ހޯދި އެއްޗެއްކަމަށް ޝާޔަން ކިޔައިދިނެވެ. އަދި އޭނާއަށް ޕްރޮފެޝަނަލްކޮށް ހެދުން ފަހަން ނޭގުނުނަމަވެސް، އާދައިގެ ތިނޯޙާއި ބަރަނި ބޭނުންކޮށްގެން ބައެއް އައުޓްފިޓްތައް "ހިޔަލަ"އަށް ތައްޔާރުކޮށްދޭކަމަށް ޝާޔަން ބުންޏެވެ.

"ހިޔަލަ"އާއެކު ދުނިޔޭގެ އެކި މަންޒިލްތަކަށް ކޮށްފައިވާ ދަތުރުތަކުގައި ތަފާތު އެކި އައުޓްފިޓްތަކުގައި ނަގާފައިވާ ފޮޓޯތައް ޝާޔަން އަންނަނީ އިންސްޓަގްރާމުގައި ހިއްސާކުރަމުންނެވެ. ކޮންމެ އައުޓްފިޓަކާއެކު ބާބީގެ ހެއަރ ސްޓައިލާއި، ހެދުމާއެކު ބޭނުންކުރާ އެސެސަރީޒް ހުންނަނީ ގުޅުވާލާފައެވެ. މިއީ ކިހިނެއް އުފެދުނު ޚިޔާލެއްތޯ އެހުމުން ޝާޔަން ދިނީ ތަފާތު ޖަވާބެކެވެ.

"މިކޮޅުގައި ޝާޔަން އުޅޭ އެއަރލައިންގައި ކެބިން ކްރޫއަކަށް މަސައްކަތް ކުރާ ހަމައެކަނި ދިވެއްސަކީ ޝާޔަން. ވަރަށް ގިނަ ކެބިން ކްރޫން މަސައްކަތް ކުރާ އެއަރލައިނަކަށްވާތީ، ކޮންމެ ފަހަރަކުވެސް ދަތުރުކުރާ ކްރޫ ތަފާތުވީމަ ރައްޓެހިން ހޯދުމަކީ ވަރަށް އުނދަގޫކަމެއް. އަނެއްކާ ފްލައި އޯވާސްތަކުގައި ސިޓީތަކުގައި ނުކުމެ އުޅުންވަނީ އެކަނިވެރިކަން އިޙުސާސްކުރުވާކަމަކަށް. އަނެއްކާ ކޮންމެ ކޮންމެ މީހެއް ކައިރީ ފޮޓޯއެއް ނަގައިދޭށޭ އަހާކަށް ނުކެރޭ. އެހެންވެ ހިތަށްއެރީ ބުދެކޭ ޝަޔަންދާ ތަންތަނުގެ ފޮޓޯ ނަގަން ބޭނުންކުރާނީ" ޝާޔަން ބުންޏެވެ.

އާއްމުކޮށް ކޮންމެ މަހަކު ދެފަހަރު ރާއްޖެއައުމުގެ ފުރުޞަތު ލިބޭކަމަށާއި ގިނައިން އަންނަނީވެސް އޮފް ދުވަސްތަކާ ދިމާކޮށްކަމަށް ޝާޔަން ބުންޏެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ބައިނަލްއަޤްވާމީ އުދުންހުންތަކަށް އައިސްފައިވާ ހުއްޓުމާއެކު، މިއަހަރުގެ މާރޗުމަހުން ފެށިގެން ޝާޔަންވެސް ހުރީ ދުބާއީގައި ބަންދުވެފައެވެ. އާއިލާއާ ދުރުގައި އަދި ވަޒީފާއަށްވެސް ނުދެވި ބަންދުވެފައި ހުރުމުން އެކަނިވެރިކަން އިޙްސާސްކުރެވޭކަމަށް ޝާޔަން ބުނެއެވެ. އަދި އޭނާ ހުރީ "ހިޔަލަ"އާއެކު އަލުން ދަތުރުކޮށްލެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކޮންމެއަކަސް އެކި މީހުން ލޯބިކުރާ ކަންކަމާއި ހިތްހަމަޖެހުން ގެނެސްދޭ ކަންކަން ތަފާތުކަން ޝާޔަން އިންސްޓަގްރާމްކޮށްފައިވާ މި ފޮޓޯތަކުންވެސް ހާމަވެއެވެ. ދުނިޔޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތަކުގައި ޒިޔާރަތްކުރެވޭ މުހިންމު ތަންތަނުގެ ހަނދާތައް ނުވަތަ ދަތުރުނާމާ އޭނާ ރައްކާ މިކުރަނީ "ހިޔަލަ" ބޭނުންކޮށްގެން ނަގާފައިވާ ފޮޓޯތަކުންނެވެ. މިއާއެކު އިތުރު ދެ ކަމެއްވެސް ފާހަގަވެގެންދެއެވެ. އެއީ ޝާޔަންގެ ފޮޓޯ ނެގުމުގެ ހުނަރާއި، ކްރިއޭޓިވިޓީއެވެ.

ބާބީއަކީ ޒުވާނުންނާއި ޚާއްސަކޮށް ކުޑަކުދިންގެ މެދުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ "ފެޝަން ޑޯލް"އެކެވެ. އެހެންކަމުން ޝާޔަންގެ މި ހިތްގައިމު ފޮޓޯތަކަކީ ހަމަ ޤައިމުވެސް "ބާބީ"ގެ ފޭނުންނަށްވެސް ހިތްހަމަޖެހުން ގެނެސްދޭނެ ފޮޓޯތަކެކެވެ.