ޚަބަރު

އެލްޖީއޭގެ ބޯޑު ބަދަލުކުރަން ނިންމައި ކައުންސިލަރުން އަމަލުކުރާނެގޮތުގެ ޤާނޫނީ ބިލް މަޖިލީހުން ފާސްކޮށްފި


އެލްޖީއޭގެ ބޯޑު ބަދަލުކުރަން ނިންމައި ކައުންސިލް އިންތިޚާބެއް ބޭއްވުމާ ހަމަޔަށް މިހާރު އިންތިޚާބްވެފައިވާ ކައުންސިލަރުން މަޤާމުގައި ދެމިތިއްބަވާ މުއްދަތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ޚާއްސަ ބިލް މަޖިލީހުން ފާސްކޮފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ދިރާސާކުރެއްވި މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މިބިލް މަޖިލީހަށް ހުށަހަޅުއްވަމުން ކޮމިޓީގެ މުޤައްރިރު ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވީ މިބިލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ހުށަހެޅިފައިވާ ޚާއްސަ ބިލެއްކަމަށެވެ. ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަސްކުރި ކައުންސިލް އިންތިޚާބް ބޭއްވެންދެން މަޤާމުތަކުގައި ތިއްބަވާ ކައުންސިލަރުން މިބިލުގައިވާ ކަންކަމަށް އަމަލުކުރަންޖެހޭނެކަމަށެވެ.

ކޮމިޓީން ހުށަހެޅި މިބިލަށް ގެނެވުނު އެންމެ މުހިންމު އިސްލާހަކީ އެލްޖީއޭގެ ބޯޑް ބަދަލުކުރުމަށް ހުށަހެޅުނު ހުށަހެޅުމެވެ. މި ބޯޑުގައި 7 މެންބަރުން ތިއްބަވާނެއެވެ. މި ބިލަށް ހުށަހެޅި 4 އިސްލާހުވެސް ވަނީ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތަކުން ފާސްކުރައްވާފައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމަށް ހުށަހެޅި ބިލް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 73 މެމްބަރުންގެ ވޯޓުންނެވެ. މިރޭގެ ޖަލްސާގައިވަނީ މިހާރު އޮތް އެލްޖީއޭގެ ބޯޑް ބަދަލުކޮށް އާ ބޯޑެއް އެކުލަވާލުމަށްވެސް ވަނީ ފާސްކޮށްފައެވެ. މިއާއިއެކު ރައީސުލްޖުމްހޫރިއްޔާ މިބިލް ތަސްދީޤް ކުރައްވާތާ 7 ދުވަހުގެ ތެރޭގައި އައުބޯޑް އެކުލަވާލަންޖެހޭނެއެވެ.

އެލްޖީއޭގެ ބޯޑުގައި 5 މެމްބަރުން ތިއްބަވައެވެ. މިހާރުގެ ބޯޑުގައި ތިއްބެވި 5 މެމްބަރުންނަކީ ބޯޑްގެރައީސްގެ މަޤާމު ގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ނައިބްރައީސްގެ މަޤާމުގައި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ މިންނާ ރަޝީދެވެ. އަދި ބޯޑުގެ މެމްބަރުގެ ގޮތުގައި ތިއްބަވާ 3 މެމްބަރުންނަކީ، މުހައްމަދު ޝަފީޤް މަޙްމޫދު އާއި ޢާމިރު އަލީ އާއި، އަހުމަދު ހަސަނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ ދަށުން ބޯޑާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައެވެ.

1. ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނުއަސާސީ އާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި އަދި އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށްތޯ ބެލުން.
2. ކައުންސިލްތަކުގެ މަސައްކަތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުން.
3. ޤާނޫނުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެހެނިހެން ކަންކަންކުރުން.
4. ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް އަދި ކައުންސިލްތަކުން އެކަށައަޅާ ގަވާއިދުތައް ހުންނަނީ އެއްއުސޫލަކުންތޯ ބަލައި ކައުންސިލްތަކުން ހަދާ ޤަވާއިދުތަކާއި އުޞޫލްތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް މަސައްކަތް ކުރުން.
5. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގާ ގަވާއިދު ހެދުން.
6. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާ ކޮންމެ އަތޮޅު ކައުންސިލަކާއި، ރަށު ކައުންސިލަކާއި، ސިޓީ ކައުންސިލްގެ އިޚްތިޞާޞް ހިނގާ ސަރަހައްދު ކަނޑައަޅައި، އެސަރަހައްދުގެ އިން ވަކިކުރުމުގެ ނިޒާމެއް މިޤާނޫނަށް އަމަލުކުރަން ފަށާ ފުރަތަމަ އަހަރުތެރޭ ކަނޑައެޅުން.
7. ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖެ ހިންގުމަށްޓަކައި ބޭނުންވާ އިދާރީ އަދިފަންނީ ޤާބިލްކަން އިތުރުކުރުމަށްޓަކައި ދޭންޖެހޭ ތަމްރީނުތައް ކަނޑައަޅައި، އެތަމްރީނުތައް ދޭނެ އިންތިޒާމެއް ހަމަޖެއްސުން.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ މި އިސްލާހުގައި މައިގަނޑު 9 ނުކުތާއެއް ވަނީ ހިމަނާފައެވެ. މިޤާނޫނުގައިވާ ގޮތުން ކައުންސިލްތަކަށް 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އެއްވެސް ބިމެއް އެލްޖީއޭގެ ހުއްދަނެތި ނުދެވޭނެއެވެ. އަދި ކައުންސިލަށް މުވައްޒަފުންވެސް ނެގޭނީ އެލްޖީއޭގެ ހުއްދަ ދިނުމުންނެވެ.

މިހާރު ތިއްބެވި ކައުންސިލަރުންގެ މުއްދަތު މިމަހުގެ 3 ވަނަ ދުވަހަށް ހަމަވާނެއެވެ. މިބިލް ކޮމިޓީން ފާސްކުރުމުގެ ކުރިންވަނީ ރައްޔިތުންގެ ޚިޔާލުވެސް ހޯދާފައެވެ. އަދި މެމްބަރުންގެ ކަންބޮޑުވުން ހުރި ކަންކަމުގައި އެލްޖީއޭއާއި، އޭޖީ އޮފީހާއި މަޖިލީހުގެ ކައުންސެލަރ ޖެނެރަލްގެ ލަފާވެސްހޯދާފައިވާނެކަމަށް ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒް ވިދާޅުވިއެވެ.