ޚަބަރު

ޚާއްސަ ހުއްދަ އާއިއެކު ވިޔަފާރިތައް ހުޅުވައި ޚިދުމަތްދިނުމުގެ ވަގުތު އިތުރުކޮށްދީފި


ޚާއްސަ ހުއްދައާއި އެކު ފިހާރަތަކާއި ރެސްޓޯރެންޓުތައް ހެދުނު 9ން ރޭގަނޑު 11 އާއި ހަމަޔަށް ހުޅުވައި ޚިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަދީފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން ފުލުހުންގެ ހުއްދަ އާއިއެކު އާންމު ފިހާރަތަކާއި، ކެފޭ، ރެސްޓޯރެންޓުތަކުން އަދި އޮންލައިންކޮށް ނަގާ އޯޑަރުތައް ރޭގަނޑު 11 އާއި ހަމައަށް ޑެލިވަރީ ކުރުމުގެ ޚިދުމަތް މިހާރު ދެވޭނެއެވެ.

ރާއްޖޭގައި އިއުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސް މެދުވެރިކޮށް ވިޔަފާރިކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުން ހިދުމަތް ދެވޭނެ ވަގުތު އިތުރުކޮށްފައި ވަނީ ޖޫންމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އެހެންކަމުން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވަކި ގޮތެއް އަންގަންދެން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވިޔަފާރިކުރުމަށް ހުއްދަ ދޫކޮށްފައިވާ ތަންތަނުން މި އިޢުލާނުގައި ކަނޑައަޅާފައިވާ ގަޑިތަކުގައި ޚިދުމަތް ދިނުމަށް ވަނީ އިކޮނޮމިކް މިނިސްޓްރީއިން އެދިފައެވެ.

މިގޮތަށް ބަދަލުގެނައި ނަމަވެސް ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮންނަހާ ހިނދަކު ކޮންމެ ގެއަކުންވެސް ޒަރޫރީ ބޭނުމުގައި ވިޔަފާރި ކުރުމާއި އެހެނިހެން ކަންކަމުގައި ބޭރަށް ދިއުމަށް އަދިވެސް ފުލުހުންގެ ހުއްދަ ނަގަންޖެހެއެވެ. ފުރަބަންދުގެ ފިޔަވަޅުތައް ފުރަތަމަ އަޅަންފެށިއިރު ގެއަކުން ބޭރަށް ދިއުމަށް ފުލުހުން ހުއްދަދިނީ އެކަކަށެވެ. ނަމަވެސް މޭ މަހު 28 ގައި ފުރަބަންދުގެ ފިޔަވަޅުތައް ލުއިކުރަން ފެށިފަހުން ގޭބީސީއަކުން ތިން މީހުންނަށް ބޭރަށް ދިއުމަށް ހުއްދަ ދޭން ވަނީ ފަށާފައެވެ.

އެހެންނަމަވެސް އެކި ހިދުމަތްދޭ ފަރާތްތައްވެސް އަދި ހިދުމަތް ލިބިގަންނަ ފަރާތްތައްވެސް އިޖުތިމާއީ ގައިދުރުކަމުގެ ފިޔަވަޅުތަކާއި، ރައްކާތެރިކަން އިތުރުކުރުމަށް މާސް އެޅުން ފަދަ ކަންތައްތައް ކުރުމަށް ދަނީ އިލްތިމާސް ކުރަމުންނެވެ.