ޚަބަރު

ޤާނޫނު އަސާސީއަށް ގެންނަ އިސްލާހަށް ވޯޓަށް އެހުން މިރޭ 2:30 ގައި


މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އިތުރުކުރުމަށް ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް މިރޭ މެންދަމު ބާއްވާ ޖަލްސާގައި 2:30 ގައި ވޯޓަށް އެހުމަށް ނިންމައިފިއެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ގެންނަން ހުށައަޅާފައި ވަނީ ކޯވިޑް19 އާއި ގުޅިގެން ދިމާވި ޚާއްސަ ހާލަތުގެ ސަބަބުން ލޯކަލް ކައުންސިލް އިންތިޚާބު ކަނޑައަޅާފައިވާ ތާރީޚުގައި ބޭއްވޭގޮތް ނުވުމުން މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު ދަންމާލުމަށެވެ. މިހާރު ތިބި ކައުންސިލަރުންގެ ދައުރު މާދަމާ ރޭގެ މެންދަމު 12:00 އަށް ހަމަވާނެއެވެ.

ޤާނޫނު އަސާސީ އިސްލާހު ކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ 4 ބައިކުޅަ 3 ބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއީ މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ބަލާނަމަ 66 މެމްބަރުންގެ ވޯޓާއިއެކުއެވެ. މިރޭގެ ޖަލްސާގައި ވޯޓްގަޑި ކަނޑައަޅައި މަޖިލިސް ރައީސް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނަށްވެސް މިހާރު ވަނީ އަންގާފައެވެ. އަދި ކޯވިޑް 19 އާއި ގުޅިގެން 7 މެމްބަރަކު ދިރިއުޅުއްވާ ގެކޮޅުތައް މޮނިޓަރިންގައި ހުރުމުން، އެމެމްބަރުންނަށް ވޯޓްދެވޭނެ ގޮތްތަކެއްވެސް ހަމަޖައްސާފައިވާކަމަށް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވެެއެވެ.

މިރޭގެ ޖަލްސާ މެންދަމު ބާއްވާއިރު މަޖިލީހުން ޤާނޫނު އަސާސީއަށް ގެންނަ އިސްލާހާއި، މިމުއްދަތުގެ ތެރޭގައި ކައުންސިލަރުން އަމަލުކުރާނެ ޚާއްސަ ބިލްވެސް މަޖިލީހުން ފާސްކުރަން ޖެހެއެވެ. އަދި ޤާނޫނު އަސާސީއަށް ގެންނަ އިސްލާހާއި، ކައުންސިލަރުން އަމަލުކުރާނެ އުސޫލު ހިމެނޭ ބިލަކީވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވަންޖެހޭ ދެބިލަށްވުމުން އަންގާރަ ދުވަހުގެރޭ 12:00 ގެ ކުރިން މި ދެ ބިލްވެސް ރައީސް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ޕީއެސްއެމްއަށް މައުލޫމާތު ދެއްވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ މަޖިލީހުން މަސައްކަތް ކުރާނީ މާދަމާރޭ ދަންވަރު މަސައްކަތް ނިންމައި، ވަގުތު އޮއްވައި ރައީސުލްޖުމްހޫރިއްޔާއަށް ބިލް ތަސްދީޤު ކުރެއްވުމަށް ފޮނުވުމަށްކަމަށެވެ.

ޤާނޫނު އަސާސީ އިސްލާހުކުރުމަށް މިރޭ މެންދަމުން އަލިވެ 1:30 ގައި ބާއްވާ ޖަލްސާއަކީ މަޖިލީހުގެ ފަހުގެ ތާރީހެއްގައި މިހާ ލަސް ގަނޑިއެއްގައި ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ބާއްވާ ޖަލްސާއަކީ 2020 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ 2 ވަނަ ޖަލްސާއެވެ.

ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 11:30 ގައެވެ.