ޚަބަރު

ކޯވިޑް-19 : އައިޖީއެމްއެޗްގައި އެކަނިވެސް 20،000 ވުރެ ގިނަ ސާމްޕަލް ޓެސްޓްކޮށްފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓުކުރަން ހަދާ ޕީސީއާރް ޓެސްޓްގެ ވިހިހާހަށް ވުރެ ޓެސްޓް ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ.
އައިޖީއެމް ހޮސްޕިޓަލަކީ ރާއްޖޭގައި ކޯވިޑް-19އަށް ޕީސީއާރް ޓެސްޓްކުރެވޭނެ އިންތިޒާމު ހަމަޖެއްސި ފުރަތަމަ ހޮސްޕިޓަލެވެ.
އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި ކޯވިޑް-19އަށް ޓެސްޓުކުރަން ހަދާ ޕީސީއާރް ޓެސްޓްގެ ވިހިހާހަށް ވުރެ ގިނަ ޓެސްޓް ހަދާފައިވާކަން ހާމަކޮށް، އެ ހޮސްޕިޓަލުން ކުރި ޓުވީޓުގައި ވަނީ އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި މަސައްކަތްކުރާ ހުރިހާ ސްޓާފުންނަށް ޝުކުރުއަދާކޮށްފައެވެ. އެގޮތުން ރައްޔިތުންނަށް މި ޚިދުމަތުގެ ބޭނުން ޖެހިފައިވާ މި ދަނޑިވަޅުގައި ލެބޯޓްރީ ޓެކްނީޝަނުން މެދުކެނޑުމެއްނެތި ކުރަމުންދާ ޚިދުމަތް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

އައިޖީއެމްއެޗުން ކުރި ޓުވީޓް

ސަރުކާރުން ދަނީ ރާއްޖޭގައި ކޯވިޑްއަށް ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރުމައްޓަކައި ގިނަ މަސައްކަތްތަކެއްކުރައްވަމުންނެވެ. އެގޮތުން މާލޭ ސިޓީން ކޯވިޑް-19އަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ 1000 އިތުރުކޮށް ޖޫންމަހުގެ ކުރީކޮޅު އަތޮޅުތަކުގައި ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އެގޮތުން އައި.ޖީ.އެމް.އެޗްގެ މިހާރު ދުވާލެއްގެ މައްޗަށް 600 އެއްހާ ޓެސްޓް ހެދޭއިރު، މިމަހުގެ ތެރޭގައި އިތުރު މެޝިންތައް އިންސްޓޯލްކޮށް އެ ޢަދަދު 1000 އަށް އިތުރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންންވެ.

އައިޖީއެމްއެޗްގެ އިތުރުން މިވަގުތު ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައި ވަނީ އޭޑީކޭ ހޮސްޕޓަލާއި ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައެވެ. އޭޑީކޭގައި ދުވާލަކަށް 500 ސާމްޕަލް ޓެސްޓްކުރެވޭ ކެޕޭސިޓީ ހުރިނަމަވެސް އެ ހޮސްޕިޓަލުން މި ވަގުތު ޓެސްޓުކުރަމުން ދަނީ ދުވާލަކަށް 50 ސާމްޕަލެވެ. މީގެ އިތުރުން ފުލުހުންގެ ލެބޯޓްރީގައި ދުވާލަކަށް 145 ސާމްޕަލް ޓެސްޓް ކުރެވޭނެއެވެ.

މި ދަނޑިވަޅުގައި ސާމްޕަލް ނެގުން އިތުރު ނުކުރެވެނީ މިހާރު ބޭނުންކުރާ މެޝިންތަކަކީ މެނުއަލް ޕްރޮސެސް ބޮޑު މެޝިންތަކަކަށް ވުމުންކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ވަނީ ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށް އޮޓޮމޭޓެޑް މެޝިންތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގޮތުން މިފަދަ މެޝިންތައް އައިޖީއެމްއެޗް އަދި ޓްރީ ޓޮޕްގައި ބަހައްޓާނެއެވެ.