ޚަބަރު

ބޭނުންވަނީ ކޯޓަށް ލިޔުންތައް އުފުލުން ނިމުމަކަށް ގެންނަން - ޕީޖީ


ފުރަބަންދުގެ މި ދުވަސްތަކުގެ ތަޖުރިބާގެ އަލީގައި މި ހާލަތުން އަރައިގަތުމަށް ފަހު ވެސް މައްސަލަތައް އޮންލައިންކޮށް ކޯޓަށް ހުށައެޅޭނެ އިންތިޒާމް ހަމަޖެއްސުމަކީ ބޭނުންވެވަޑައިގަންނަވާ ގޮތް ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކޯވިޑާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާތީ މިދިޔަ މަހުގެވެސް 45 މައްސަލައެއް ނިންމާ ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި 77 ދައުވާ ފޯމް ހިމެނޭއިރު އެ ހުރިހާ ލިޔެކިޔުންތައް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އޮންލައިންކޮށް ކަމަށްވެސް ޝަމީމު ވިދާޅުވެފައެވެ.

ކޯޓުތަކަށް މައްސަލަ ހުށަހަޅާއިރު ލިޔުންތައް ކޯޓަށް އުފުލުމުގެ ބަދަލުގައި އޮންލައިންކޮށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެންދިއުން އެއީ އެންމެ ރަނގަޅުގޮތް ކަމަށް ޝަމީމު ވިދާޅުވިއެވެ. ކޯވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ފުރަބަންދު ނިމުމަކަށް ގެނައުމުންވެސް އޮންލައިންކޮށް މައްސަލަ ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންގޮސް، ކޯޓަށް ލިޔުންތައް އުފުލުން ނިމުމަކަށް ގެނައުމަށް ޝަރުއީ ދާއިރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ވަނީ އެދިވަޑައިގެންފައި އެވެ.

މާލެ ސަރަހައްދު ފުރަބަންދުގައި ވަނިކޮށް ޕީޖީ އޮފީހުން ވަނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލްކޯޓަށް ފޮނުވާފައެވެ. އަދި މި މައްސަލާގައި ދައުވާއާއި ގުޅުން ހުރި 500 ވުރެ ގިނަ ސަފްހާގެ ލިޔެކިޔުންތައް ތައްޔާރުކޮށް ކޯޓަށް ފޮނުވާފައިވާކަންވެސް ޕިޖީ އޮފީހުން ވަނީ ހާމަކޮށްފައެވެ.

ކޯވިޑް އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ޕީޖީ އޮފީހުގައި ވަނީ ހަމަޖައްސާފައެވެ. މިގޮތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިޔަށް ގެންދިޔުމަށް އޯޑިއޯ ވީޑިއޯ 4 ސިސްޓަމެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވަނީ ޤާއިމުކޮށްފައެވެ.