ޚަބަރު

އޮފީސްތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ޚާއްސަ ކޯހެއް ފަށަނީ


ސަރުކާރު މުވައްޒަފުންނަށް ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުން ކުރަން ދަސްކޮށްދޭ އޮންލައިން ކޯހެއް ފެށުމަށް ދިވެހި ބަހުގެ އެކަޑަމީން ނިންމައިފިއެވެ.

"އޮފީސް ދިވެހި" ގެ ނަމުގައި ކުރިއަށްގެންދާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހައި ސަރުކާރު މުވައްޒަފުންނަށް ވަނީ ހުޅުވާލާފައެވެ. ދިވެހިބަހުގެ އެކަޑަމީން ވިދާޅުވީ، ކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންގެ ތެރެއިން މި ކޯހުގައި ބައިވެރިވާން އެދޭ މުވައްޒަފުން، މިމަހުގެ 7 ވަނަ ދުވަހުގެ ކުރިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އެކެޑަމީއަށް ހުށައަޅަންޖެހެއެވެ.

ކޯވިޑް19ގެ ސަބަބުން ފުރަބަންދުގައި ގޭގައި ތިބެގެން ދިވެހިބަހުގެ އަދަބީ ހުނަރުތަކާއި ބަހުގެ ގަވާއިދުތަކާއި ލިޔުންތެރިކަން ކުރިއަރުވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި އެކެޑަމީން މިހާރުވެސް އަންނަނީ އެކިއެކި ކޯސްތަކާއި ކްލާސްތައް އޮންލައިންކޮށް ހިންގަމުންނެވެ. އޭގެތެރޭގައި ގޭގައި ތިބެގެން ޅެން ހަދަން ދަސްކޮށްދޭ ކޯހެއްވެސް ދިވެހިބަހުގެ އެކަޑަމީން މިހާރު ވަނީ ފަށާފައެވެ.