ވިޔަފާރި

ތޮއްޑޫއަށް މިއަހަރު ދަނޑުވެރިކަމުން ލިބުނު އާމްދަނީ ދަށް!


ދަނޑުހެއްދުމަކީ އާމްދަނީ ހޯދުމަށް ތޮއްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތެކެވެ. އެއީ ދާދިފަހަކާއި ޖެހެންދެން އެންމެ ބޮޑު އާމްދަނީއެއް ތޮއްޑޫއަށްލިބޭ މަސައްކަތެވެ. ނަމަވެސް އެރަށުގައި ގެސްޓްހައުސް ވިޔަފާރީ ފެށުމާއެކު ތޮއްޑޫއަށް އާމްދަނީ ލިބޭ އިތުރު ވަސީލަތައް ހުޅުވިގެންދިޔައެވެ.

ތޮއްޑޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވީ، މިއީ ފާއިތުވެދިޔަ 5 އަހަރުވެސް ތޮއްޑޫއަށް އެންމެ ރަނގަޅަށް ދަނޑުވެރިކަން ކުރެވުނު އަހަރުކަމަށެވެ. ނަމަވެސް މިއަހަރު ދަނޑުވެރިކަމުން ލިބުނު އާމްދަނީ ދަށްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ދަނޑުވެރިކަމުން ތޮއްޑޫއަށް ލިބުނު އާމްދަނީ މިއަހަރު ދަށްވެފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ނިއުޝާ ފާހަގަކުރައްވަނީ ކޯވިޑް19 ގެ ސަބަބުން ނުއަގުގައި ތަކެތި ވިއްކަން ޖެހުމެވެ. ނިއުޝާ ވިދާޅުވީ ރަމަޟާންމަހުގެ ފުރަތަމަ 10 ނިމެންދެން ކަރާ ވިއްކާފައިވަނީ ވަރަށް ހެޔޮ އަގެއްގައި އެއްވެސް ފައިދާއެއް ނެތިކަމަށެވެ.

ރޯދަމަހު ކުރީކޮޅު ކަރާ ކިލޯއެއް ވިއްކާފައިވަނީ 5 ރުފިޔާ 6 ރުފިޔާއަށެވެ. ނަމަވެސް ރަމަޟާންމަހުގެ 10 ގެ ފަހުން ކައުންސިލުން ކަރާ ވިއްކުމުގައި ވަކި އަގެއްވަނީ ހިފަހައްޓާފައެވެ. އޭގެފަހުން ކަރާ ކިލޯއެއް ވިއްކާފައިވަނީ 10 ރުފިޔާއިން މަތީގައެވެ. މި ރަމަޟާންމަސް ފެށިގެން އައިއިރު ގަނޑުކޮށް މާލެއަށް ތަކެތި ފޮނުވުމުގައިވެސް ތޮއްޑޫގެ ދަނޑުވެރިންނަށް ވަނީ ދަތިތަކަކާއި ކުރިމަތިލާންޖެހިފައެވެ.

މިއަހަރުގެ ރަމަޟާންމަހު ތޮއްޑޫއިން 450 ޓަނުގެ ކަރާ ބޭރުކުރެވިފައިވާނެކަމަށް ކައުންސިލުން އަންދާޒާކުރެއެވެ. ކަރާގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ މޭވާއާއި ތަރުކާރީ ތޮއްޑޫން އަންނަނީ ހައްދަމުންނެވެ. އޭގެތެރޭގައި ފަޅޯ، ބަރަބޯ، ކިޔުކަންބާ، ތޮރާ، ލެޓިއުސްފަދަ ބާވަތްތައް ހިމެނެއެވެ.