ޚަބަރު

ދެ ޖަލެއްގެ އެލާޓް ނިމުމަކަށް ގެނެސް ބައެއް ލުއިތައް ދީފި


ކޯވިޑް19އާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލާއި އައްސޭރި ޖަލު އެލާޓްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އެ އިދާރާއިން އަޅާފައިވާފިޔަވަޅުތަކަށް ލުއި ދިނުމުގައި އަމަލުކުރާނެ އުސޫލު އާއްމުކޮށްފިއެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާ މި އުސޫލަކީ ކޯވިޑް 19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގައި ނުވަތަ އައު އާއްމު ހާލަތުގައި ހެޑް އޮފް އޮފީހާއި ޖަލުތައް އޮޕަރޭޓްކުރުމަށް ހަމަޖައްސާފައިވާ ގޮތުގެ އުސޫލެވެ.

މި އުސޫލުގައިވާ ގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމާފައިވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ މަރުހަލާގެ ދަށުން ޖަލުތަކުގެ އެތެރޭގައި ހުއްޓިފައިވާ ކަންތައްތައް އަލުން ފަށާނެއެވެ. އަދި ދެވަނަ މަރުހަލާގައި ޖަލުގެ ބޭރުން ކުރެވޭ ބައެއް ކަންތައްތައް ފަށާއިރު ތިން ވަނަ މަރުހަލާގައި އިތުރު ލުއިތައް ލިބިގެންދާނެކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފައިއެވެ. އެހެން ނަމަވެސް ޖަލުން ނުވަތަ ޖަލު ހުރި ރަށަކުން ކޯވިޑް-19 އަށް ފައްސި ވެފައިވާ ފަރާތެއް ފެނިއްޖެ ނަމަ ނޫނީ އެ ރަށެއް މޮނީޓަރިންގ ހާލަތަށް ގެނެވިއްޖެ ނަމަ، ސަރުކާރުން އަޅުއްވާ ފިޔަވަޅުތައް ރިއާޔަތްކޮށް، ޖަލުގެ އެލަރޓް ލެވެލް އަށް ބަދަލުގެނެވި ލުއި ދިނުމުގެ މަރުހަލާތައް މެދު ކަނޑާލެވޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ޖަލުތަކާ ގުޅޭގޮތުން ކަރެކްޝަނުން މިހާތަނަށް އަޅާފައި އޮތް ފިޔަވަޅުތަކުގެ ތެރެއިން ފަސް ކަމަކަށް މިއަދުން ފެށިގެން ވަނީ ލުއިތަކެއް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާފުށީ ޖަލާއި އައްސޭރި ޖަލު އެލާޓްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ އިތުރުން އެލަވަންސް ވަޒީފާ އަދާކުރާ ގައިދީން މަސައްކަތަށް ނެރެން ވަނީ ފަށާފައެވެ. މިގޮތަށް ނެރޭ ގައިދީންވެސް މާސްކް އަޅުވާފައި ބޭތިއްބުން މި އުސޫލުން ލާޒިމްކުރެއެވެ. ޖަލުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށްގެންދާ ރިބިލިޓޭޝަން ޕްރޮގުރާމްތައް ފެށުމުގެ އިތުރުން ޖަލުތަކުގައި ތިބި ދެމަފިރިންނަށް އެކަހެރި ބައްދަލުވުންތައް ދިނުމަށް ނިންމާފައިވަނީވެސް ފުރަތަމަ މަރުހަލާގެ ތެރޭގައެވެ.

ކަރެކްޝަނުން ނިންމާފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ހެޑް އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި އޮފީހުގައި އުޅޭއިރު ހުރިހާ އޮފިސަރުންނާއި މުވައްޒަފުންވެސް މާސްކް އަޅަން ޖެހޭ ގޮތަށް އޮތް އޮތުން ފުރަތަމަ މަރުހަލާގައިވެސް ހަމަ އެގޮތަށް ކުރިއަށް ގެންދިއުމަށެވެ. އަދި އޮފިސަރުންނާއި މުވައްޒަފުން އަހަރީ ޗުއްޓީއަށް ފޮނުވުމާއި އެމީހުން ރަށުން ބޭރަށް ދިއުން ފުރަތަމަ މަރުހަލާގައިވެސް ހުއްދަ ނުކުރާނެކަމަށް އެ އުސޫލުގައިވެއެވެ. އަދި ޖަލުން ބޭރުން މީހުން ގެނެސް ރިހިބިލިޓޭޝަން ޕްރޮގުރާމްތައް ފެށުމާއި ޖަލުގައި މަޑުޖައްސާލާފައިވާ ބައެއް ޕްރޮޖެކްޓްތައް ޖައްސާލަފައި އޮތް އޮތުން ފުރަތަމަ މަރުހަލާގައި އެ ގޮތުގައި އޮންނާނެއެވެ.

ފުރަތަމަ މަރުހަލާގައި ދޭ ލުއިތަކުގެ ތެރޭގައި ވަކީލުންނަށް ބައްދަލުވުންތައް ދިނުމާއި ގައިދީންނާއި ބަންދު މީހުން ކޯޓުތަކަށާއި ސިއްހީ ފަރުވާއަށް މާލެ ގެނައުން ހިމަނާފައެއް ނުވެއެވެ. އަދި އެހެންމެ 18 އަހަރާއި 50 އަހަރާއި ދެމެދުގެ އާއިލާ މެމްބަރުންނަށް އާއިލީ ބައްދަލުވުމަށް އައުމުގެ ފުރުސަތުވެސް ފުރަތަމަ މަރުހަލާގައި ދިނުމަށް ނިންމާފައިނުވާއިރު އާއިލީ އެކަހެރި ބައްދަލުވުންތަކަށް ފުރުސަތު ދިނުމަށްވެސް ނިންމާފައިނުވެއެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުން ދެ ވަނަ މަރުހަލާގައި ދިނުމަށް ހަމަ ޖައްސާފައިވާ ލުއިތައް ދޭން ފަށާނީ އެއް ރަށުން އަނެއް ރަށަށް ހުއްދަ ދޭން ސަރުކާރުން ނިންމުމުންނެވެ. އަދި އެންމެ ފަހު މަރުހަލާގައި ދޭ ލުއިތަކަށް އަމަލު ކުރަން ފަށާނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަ ހިސާބުން ކަމަށްވެސް ކަރެކްޝަނަލް ސަރވިސްއިން ވަނީ ކަނޑައަޅުއްވާފައެވެ.