ޚަބަރު

އެޗްޑީސީން ކުއްޔަށް ދީފައިވާ ތަންތަނުގެ ކުލިން 30 އިންސައްތަ މި ދެމަހުވެސް ކުޑަވާނެ


ޖޫން އަދި ޖުލައިމަހުވެސް އެޗްޑީސީން ކުއްޔަށް ދީފައިވާ ތަންތަނުގެ ކުލި އަދި އިންސްޓޯލްމަންޓުން 30 އިންސައްތަ ލުއިކޮށްދޭން ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

މިއީ ކޯވިޑް-19އާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ރިކަވަރީ ޕްލޭންގެ ދަށުން ފަރުދުންނާއި، ވިޔަފާރިތަކަށް ކުރިމަތިވެފައިިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރާކަމެއްކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އެކޯޕަރޭޝަނުން ކުއްޔަށް ދޫކޮށްފައިވާ ފުލެޓު، ގޯތި، ރޯހައުސް އަދި ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް އޭޕްރިލް އަދި މޭމަހު ދައްކަންޖެހޭ އިންސްޓޯލްމަންޓު، ކުލީގެ 30 އިންސައްތައަށްވާ ފައިސާ ވަނީ ކުރިން ލުއިކޮށްދީފައެވެ. އަދި މިގޮތުން ދެވިފައިވާ ލުއި މި ޖޫންމަހާއި އަންނަ ޖުލައިމަހުވެސް ދިނުމަށް ވަނީ ނިންމާފައެވެ. އިންސްޓޯލްމަންޓު، ކުލީގެ 30 އިންސައްތައަށްވާ ފައިސާ ފަސްކުރެވޭނީ ނޮވެންބަރު މަހުގެ ނިޔަލަށް ކަމަށެވެ. އަދި ފަސްކުރާ ފައިސާ އަނބުރާ ދައްކަން 12 މަސްދުވަހު މުހުލަތެއް ކުއްޔަށް ހިފާފައިވާ ފަރާތަަށް ދޭނެކެމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މިކަމަށް އެދޭ ފަރާތްތަކުން އެޗްޑީސީގެ "މައި ހުޅުމާލެ" ވެބްޕޯޓަލްގައިވާ އޮންލައިން އެޕްލިކޭޝަން ފުރުމަށްފަހު މިއަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދެއެވެ. އަދި މިގޮތުން ލުއި ދެވޭނީ 31 މާރޗުގެ ނިޔަލަށް އެއްބަސްވުމުގެ ދަށުން ޤަވައިދުން ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް ކަމަށެވެ.

އެޗްޑީސީން ބުނީ އެކޯޕަރޭޝަނުން ކުއްޔަށް ދީފައިވާ ތަންތަނުން ކޮންމެ މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓު/ކުއްޔަށްވާ ފައިސާގެ 70 އިންސައްތަ އެކޯޕަރޭޝަނަށް ދައްކާ ހަލާސް ކުރުމުގެ ފުރުސަތު 15 އޯގަސްޓުގެ ނިޔަލަށް ދެވޭނެެކަމަށެވެ.

އަނެއްކޮޅުން އެއްބަސްވުމުގެ ދަށުން އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއިހުރެ ޤަވާއިދުން ފައިސާ ނުދެއްކޭ ފަރާތްތަކަށް އެކޯޕަރޭޝަންގެ ޑެޓް ކަލެކްޝަން ޕޮލިސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ފައިސާ ދެއްކުމަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭނެކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި ކުރިޔަށް އޮތް ތަނުގައިވެސް ކޯވިޑް-19ގެ ހާލަތަށް ރިޔާއަތްކޮށް އިތުރު ލުއިތަކެއް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދޭނެކަމަށް އެޗްޑީސީން ބުނިއެވެ.