ޚަބަރު

އަތޮޅުތަކުގައި ތަރައްޤީކުރާ ފެސިލިޓީތައް ޖޫން 15އަށް ނިންމައި ހިދުމަތްފެށޭނެ: މަބްރޫކް


ކޯވިޑް-19 ގައި ޙާލުބޮޑުވާ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެވޭނެގޮތް އަތޮޅުތަކުގައި ތަރައްޤީކުރަމުންދާ ފެސިލިޓީތައް ޖޫން މަހު 15 އާއި ހަމަޔަށް ނިންމައި ޚިދުމަތްދޭން ފަށާނެކަމަށް ނޭޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން މަބްރޫކް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަކޮށް ތައްޔާރުކުރަމުންދާ ފެސިލިޓީތައް އިމާރާތްކުރުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިޔަށް ދަނީ މިތަންތަނުގެ ބެކްއަޕް ޖެނެރޭޓަރުތައް ބެެހެއްޓުމުގެ މަސައްކަތްކަމަށެވެ. މަބްރޫކް ވިދާޅުވީ މިމަސައްކަތްތައް ނިމި، މިފެސިލިޓީތަކަށް ބޭނުންވާ އެކި މެޝިންތަކާއި އިކުއިޕްމަންޓުތައް އަދި ފަރުނީޗަރާއި، އެހެނިހެން ސާމާނު ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިޔަށް ދާކަމަށެވެ. މިގޮތުން އުތުރުގެ ރަށްތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވާ ނިމިފައިވާއިރު، ދެކުނުގެ އަތޮޅުތަކަށް ތަކެތި ފޮނުވުމަށް މާލެއިން ވަނީީ ފުރުވާލާފައިކަމަށެވެ. އަދި މިސާމާނުތައް ރަށްތަަކަށް ފޮނުވާ ނިމި، ތަކެތި އިންސްޓޯލްކޮށް މަސައްކަތް ނިންމާ ޖޫން މަހުގެ 15 އާއި ހަމަޔަށް އަންނައިރު މިތަންތަން ފަރުވާ ދޭން ފަށާނެކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ކްރިޓިކަލް ކެއަރ ދިދުމަށް ބޭނުންވާ އޮކްސިޖަން ރީފިލް ކުރެވޭނެ ހިދުމަތް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތަފްސީލް މަބްރޫކް ވަނީ ޕްރެސްގައި ދެއްވާފައެވެ. މިގޮތުން އައްޑޫގައި މިހާރުވެސް ހުރި އޮކްސިޖަން ޕްލާންޓު ގެ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ބޫސްޓަރ ބޭރުން ގަނެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކުޅުދުއްފުށީގައި މިފަދަ ޕްލާންޓެއް ޤާއިމްކުރުމަށް މަސައްކަތް ކުރިޔަށް ދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުން އަތޮޅުތެރޭގައި ކޯވިޑް-19 ޖެހި ހާލުބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ފެސިލީޓީތައް ތަރައްޤީކުރަނީ އައްޑޫ ސިޓީ ހިތަދޫ، ފުވަމުލައް، ގދ ވިލިނގިލި، ލ. ގަން، ބ. އޭދަފުށީ، ށ ފުނަދޫ، ހއ. އިހަވަންދޫގައެވެ. ކޯވިޑް-19ގައި ޙާލުބޮޑުވާ މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ގޮތް އަތޮޅުތަކުގައި ހަމަޖެއްސުމަށް 100 އައިސީޔޫ އެނދާއި، 130 ހޮސްޕިޓަލް އެނދު ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުން ދަނީ މާލެއެކޭ އެއްގޮތަށް އަތޮޅުތަކުގައިވެސް މިކަމާގުޅިގެން މުހިންމު ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އަތޮޅުތަކުގައި ހުރި ޖީން އެކްސްޕަރޓް މެޝިންތައް ބޭނުންކޮށްގެން ބައްޔަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.