ސިއްހަތު

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން އަޒުމް ކަނޑައަޅަމާތޯ؟


ދުންފަތަކީ އޭގައި އެކުލެވޭ ވިހަ މާއްދާތަކުގެ ސަބަބުން، ނުރައްކާތެރި އެތައް ބަލިތަކަކަށް އިންސާނާގެ ހަށިގަނޑު ހުށައަޅައިދޭ އެއްޗެކެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހަދާފައިވާ ދިރާސާތައް ދައްކާގޮތުން، އެކި އެކި ބަލިތަކުގައި ޑޮކްޓަރަށް ދައްކާ މީހުންގެ 70 އިންސައްތައަކީ ދުންފަތާއި ސީދާގޮތުން ގުޅިފައިވާ ބަލިތައް ތަހައްމަލު ކުރާ މީހުންނެވެ. ދުންފަތުގެ ސަބަބުން ފެތުރޭ ބަލިތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، ހިތާމައަކީ މި ކުޑަ ކުޑަ ދިވެހިރާއްޖޭގައިވެސް ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން މަދު ނޫންކަމެވެ.

ޚާއްސަ ގޮތެއްގައި ރާއްޖޭގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވެފައި ޒުވާނުންގެ ތެރޭގައި މިފަދަ ނުރަނގަޅު އާދަތައް ހަރުލަމުން ދިއުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް މިއަދު ވިސްނާލުން މުހިއްމުކަމެކެވެ. ފަހަކަށް އައިސް އެންމެ ގިނައިން މީހުން މަރުވާ ބަލިތަކަކީ ސްޓްރޯކާއި ހާޓް އެޓޭކް އަދި ކެންސަރު ފަދަ ބަލިތަކެވެ. މި ބަލިތައް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ސިއްޙީ މާހިރުން ވިދާޅުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. ދުންފަތުގެ ސަބަބުން ސިއްޙީ ގޮތުން ލިބޭ ގެއްލުމުގެ އިތުރުން މަސައްކަތްތަކާއި އެހެނިހެންވެސް ކަންތައްތަކުގައި ޝާމިލްވެ އުޅޭ ވަގުތު ކުޑަވާކަމަށްވެސް ސިއްޙީ މާހިރުން ބުނެއެވެ.

ދުންފަތް ނުވަތަ ސިގިރޭޓްގެ ދުފުމުގައި ހިމެނޭ އެކިއެކި ކެމިކަލްތަކުގެ ސަބަބުން ތަފާތު 43 ވައްތަރެއްގެ ކެންސަރު ޖެހުމަށް މަގުފަހިވެގެންދާ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ސިގިރޭޓްގައި އެކުލެވޭ "ނިކޮޓިން"އަކީ ކެންސަރު ޖެހުމަށް މެދުވެރިވާ މާއްދާއެއްކަމުގައި ނުވިނަމަވެސް އެއީ ސިގިރޭޓް އަދި ދުންފަތް އެކުލެވޭ ބާވަތްތަކަށް މީހާ ދެވިހިފާ އެއްޗެއްކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ދެވިހިފުމުގެ ބާރު ހުންނަ ބޭސްތަކަކީ ވިހަ، އަދި ހަށިގަނޑަށް އޭގެ ސަބަބުން ނުރައްކާތެރި އަސަރުތައް ފޯރުވާ މާއްދާތަކެކެވެ. "ނިކޮޓިން"އަށް ދެވިހިފުމުން އޭގެ ޑޯޒް ލިބިގަތުމަށް ސިގިރޭޓް ބޭނުންކުރާ ކޮންމެ ފަހަރަކު ދުމާއެކު 4000 އަށްވުރެ ގިނަ ކެމިކަލްގެ ބާވަތްތައް ހަށިގަނޑަށް ވާސިލް ވެގެން ދެއެވެ. ސިގިރޭޓް ނުވަތަ ދުންފަތުގައި އެކުލެވޭ ގިނަ ކެމިކަލްތަކަކީ ހަރަކާތްތެރި މާއްދާތަކެވެ. އެހެންކަމުން ހަށިގަނޑު އެކިބައިތަކަށް މިވިހަ ކެމިކަލްތަކުގެ ސަބަބުން ގެއްލުން ލިބޭގޮތް މެދުވެރިވެއެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމާއި، ދުންފަތާ ދެކޮޅަށް ހެދިފައިވާ ޤަވާއިދުތައް ހަރުދަނާ ކުރުން ހިމެނެއެވެ. ދުންފަތާ ދުރުހެލިވުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން އައި.ޖީ.އެމް.އެޗުގައި "ސްމޯކިން ސެންސޭޝަން ކްލިނިކް"އެއް 2018 ވަނަ އަހަރު ހުޅުވައި އަންނަނީ ޚިދުމަތް ދެމުންނެވެ. އަދި ދުންފަތުގެ އިސްތިއުމާލްކުރާ މީހުންނަށް އެކަމުން ދުރުވުމަށް އެހީތެރިވެދުނުމުގެ ގޮތުންވެސް ސަރުކާރުން ގެންދަވަނީ އެކި ޕްރޮގްރާމްތައް ހިންގަވަމުންނެވެ.

ދުންފަތަކީ ޤައުމުގެ ތަރައްޤީއަށް އޮތް ހުރަހެއްގެ ގޮތުގައި ސިއްޙީ މާހިރުން ދަނީ ސިފަކުރަމުންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވަމުންދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، އެފަދަ ބަލިތަކުން އަރައިގަތުމަށް ދައުލަތުންނާއި ވަކި ފަރުދުން ކުރާ ހޭދަ އިތުރުވުމަކީ އިޤްތިޞާދަށް އެކަމުގެ ސަބަބުން އަސަރު ކުރުވާކަމެކެވެ. އަދި ދިގުމުއްދަތަކަށް މިފަދަ ބަލިތަކަށް ކުރަންޖެހޭ ޚަރަދުތައް އިތުރުވުމަކީ އާއިލާތަކަށްވެސް އެތައް ގޮތަކުން ދަތިތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. މީގެ ސަބަބުން ދިމާވާ ޢިޖްތިމާޢީ މައްސަލަތައްވެސް މަދެއް ނޫނެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ އެއްތިރީސް ވަނަދުވަސް ފާހަގަ ކުރަނީ ދުންފަތުގެ އިސްތިޢުމާލު ނުކުރާދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރު ބޮޑަށް އަމާޒުކޮށްފައި ވަނީ ޒުވާނުންނަށެވެ. އެގޮތުން މިއަހަރަށް ކަނޑައަޅާފައިވާ ޝިޢާރަކީ ޒުވާނުންގެ މެދުގައި އެކިގޮތްގޮތުން ދުންފަތް ބޭނުންކުރުން އިޝްތިޙާރުކުރުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ހާމަކުރާގޮތުގައި ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުމަށް ހިތްވަރުލިބޭ ކަންކަން އިޝްތިހާރުކުރުމުގެ ސަބަބުން، ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ ނިސްބަތް އިތުރުވެ، 8 މިލިއަނެއްހާ ޒުވާނުންނާއި ކުޑަކުދިން އަހަރެއްގެ މައްޗަށް މަރުވެއެވެ.

ގައުމުގެ ތަރައްޤީ ބިނާވެފައި ވަނީ އެ ޤައުމެއްގައި މަސައްކަތް ކުރަން ތިބޭ އެންމެހާ ފަރުދުންގެ ދުޅަހެޔޮކަމާއި އެމީހުންގެ ސިއްޙަތާއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާގޮތުން ގައުމުގެ އިޤްތިޞާދަށް އަސަރުކުރެއެވެ. އެހެންކަމުން ދުންފަތުގެ ސަބަބުން ސިއްޙީ ގޮތުންނާއި މާލީގޮތުން އަދި އިޖްތިމާޢީގޮތުން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް ކުރުމަކީ ވަކިވަކި ފަރުދުންގެ ފެންވަރުގައިވެސް ކުރުން މުހިންމު ކަމެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މިއަދުން ފެށިގެން އެކަން ނުކުރުމަށް އަޒުމް ކަނޑައެޅުމަކީ ތިމާގެ އަމިއްލަ ޞިއްހަތަށާއި، މުޅި މުޖުތަމަޢުއަށް ލިބިދޭ މަންފާއެއް ކަމުގައި މެނުވީ ނުވާނެއެވެ.