ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޑެންޓަރލް ކޮންފަރެންސް ފަށައިފިއެވެ. "ހިނިތުން 2025"ގެ ނަމުގައި ފެށި މި ކޮންފަރެންސް، ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދުއެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙިމް ޢަބްދުއް ރައްޒާޤް ޙަލީމްއާއި ދާއިރާގެ އެކްސްޕަރޓުން ބައިވެރިވިއެވެ.
ރާއްޖޭގައި ދަތުގެ ފަރުވާއާ ގުޅޭ ޚިދުމަތްތައް ފެށިގެންދިޔައީ 1975 ވަނަ އަހަރުއެވެ. އިންޓަރނޭޝަނަލް ޑެންޓަލް ކޮންފަރެންސްއަކީ ރާއްޖޭގައި ދަތުގެ ފަރުވާ ފެށިތާ 50 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވައިގެން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ. މި ކޮންފަރެންސްގައި މާލޭ ގްރޫޕްސް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ދަތުގެ ފަރުވާ ދޭ އަމިއްލަ ކްލިނިކްތަކާ ޕްރޮފެޝަނަލުން ބައިވެރިވެއެވެ.
ކޮންފަރެންސް ފެއްޓުމުގެ ރަސްމިއްޔާތުގައި މާލޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ އިބްރާހީމް ޢަބްދުއް ރައްޒާޤް ޙަލީމް ވިދާޅުވީ، މި ކޮންފަރެންސްގައި ކަމާ ގުޅުންހުރި އެހެނިހެން މެޑިކަލް ދާއިރާތަކުގެ އެކްސްޕަރޓުންވެސް ބައިވެރިވާކަމަށެވެ. މީގެ ބޭނުމަކީ މުޅި ސިއްޙީ ނިޒާމު ގުޅި ލާމެހި، ވަށާޖެހޭ ސިއްޙީ ޚިދުމަތުގެ ނިޒާމަކަށް މަގުފަހިކުރުންކަމަށް ހަލީން ރައްޒާގު ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ މި ވޭތުވެދިޔަ ދޮޅު އަހަރު، މާލޭ ގްރޫޕްގެ ހޮސްޕިޓަލްތަކުގައި ދަތުގެ ފަރުވާ ފުޅާކުރުމަށް ބޭނުންވާ ފެސިލިޓީއާ އިންސާނީ ވަސީލަތްވެސް އިތުރުކުމަށް ގިނަ މަސައްކަތްތަކެއްކޮށްފަވާކަމަށާ، އަދި އިތުރު ގިނަ ކަންތައްތަކެއް ރޭވިފައިވާކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރަނީ އެންމެ ރަނގަޅު އިންޓަރނޭޝަނަލް ސްޓޭންޑަރޑްތަކަށް ޚިދުމަތްތައް ގެނައުމަށް. ޒަމާނީ ވަސީލަތުގެ ގޮތުން އަދި އިންސާނީ ވަސީލަތްވެސް ދަނީ އިތުރުކުރަމުން." ސީއީއޯ ޙަލީމް ރައްޒާޤް ވިދާޅުވިއެވެ.
ކޮންރެންސް އިންތިޒާމުކުރާ އައިޖީއެމް ހޮސްޕިޓަލްގެ، ޗެއަރޕަރސަން އެންޑް ހެޑް އޮފް ޑެންޓިސްޓްރީ އެންޑް އޯރޯފޭޝަލް ސަރޖަރީ ޑރ. ނަދީމާ ރަޝީދު ވިދާޅުވީ، ކޮންމެފަރެންސްގެ އެންމެ ބޮޑު އެއް ބޭނުމަކީ ދާއިރާގެ މެދުގައި ގުޅުން ބަދަހިވެ، އެންމެ ޒަމާނީ ބަދަލުތަކަށް ޚިދުމަތްތެރިން އަހުލުވެރިކުރުންކަމަށެވެ. މި ކޮންފަރެންސްގައި ބޭރުގެ 12 އެކްސްޕަރޓުން ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެއެވެ.
"ޓެކްނޮލޮޖީއާއި ވަސީލަތްތައްތަކަށް އަންނަ ބަދަލުތަކާ، ހުނަރުތައް ދެމެހެއްޓުމާ އަދި މަސައްކަތުގެ މާޙައުލަށް އަހުލުވެރި ބަޔަކަށް މި ދާއިރާގެ ފަރާތްތައް ހެދުން ކޮންފަރެންސްގެ ބޭނުމަކީ. އަދި އެކްސްޕަރޓުންގެ އިރުޞާދާއެކު، އަލަށް މި ދާއިރާއަށް ވަންނަ ކުދިންނަށް ތަޖުރިބާއެއް ފޯރުކޮށްދިނުން." ޑރ. ނަދީމާ ރަޝީދު ވިދާޅުވިއެވެ.
މި ކޮންފަރެންސްގައި ވޯކްޝޮޕްތަކާ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. ކޮންފަރެންސް ކުރިއަށްދާނީ 3 ދުވަހަށް، ވިލާ ނޯޓިކާ ރިސޯޓުގައެވެ.