ޚަބަރު

ކޯވިޑް-19 : ނަފްސާނީ ސީރިއަސް މައްސަލަތަކެއް އަންނަނީ ކުރިމަތިވަމުން: ޑރ. އާފިޔާ


ކޯވިޑް 19އިގެ ސަބަބުން ބައެއް މީހުންނަށް ނަފްސާނީ ގޮތުން ސީރިއަސް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން ދާކަމުގައި އައިޖީއެމްއެޗުގެ ސެންޓަރ ފޯރ މެންޓަލް ހެލްތުގެ ސައިކޮލޮޖިސްޓް ޑރ.ޢާފިޔާ އަލީ ވިދާޅުވެއްޖެއެވެ.

ކޯވިޑް 19އާ ގުޅިގެން އެންއީއޯސީ ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗުގެ ސެންޓަރ ފޯރ މެންޓަލް ހެލްތުގެ ސައިކޮލޮޖިސްޓް ޑރ.ޢާފިޔާ އަލީ ވިދާޅުވީ ނުރައްކާތެރި ޙާލަތްތަކާއި ގުޅިގެން ކުރިމަތިވާ ނަފްސާނީ ޚާއްސަ މައްސަލައެއްކަމަށްވާ ޕޯސްޓް ޓްރައުމެޓިކް ޑިސްއޯޑާގެ ޕެންޑަމިކެއް މިހާރު އޮތް ޙާލަތު ބަދަލުވާއިރު ކުރިމަތިވުމުގެ ބިރުއެބައޮތްކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިންވެސް އިންޒާރުދެއްވާފައިވާކަމަށެވެ.

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ބަލާއިރުވެސް މިވީ 3 މަސްދުވަހުގެ ތެރޭގައި ގިނަ ބަޔަކަށް ނަފްސާނީ އެކި މައްސަލަތައް ކުރިމަތިވެގެން އެހީއަށް އެދިފައިވާ ކަމަށް ޑރ.އާފިޔާ ވިދާޅުވިއެވެ. އެގޮތުން މިއަހަރުގެ މާޗު މަހާއި މެއި މަހާއި ދެމެދު 999 މީހަކު ނަފްސާނީ އެހީތެރިކަމަށް އެދި އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތުން އެޕޮއިންޓްމަންޓަށް އެދިފައިވާކަމަށް ޑރ އާފިޔާ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި އެޕޮއިންޓްމަންޓަށް އެދިފައި ވަނީ 330 މީހުންކަން ފާހަގަކުރައްވައި ޑރ.އާފިޔާ ވިދާޅުވީ މިއީ ނިސްބަތުން ބޮޑު އިތުރުވުމެއްކަމަށެވެ.

"އަޅުގަނޑުމެންގެ ދިވެހިންނަށް ބަލާއިރު ނުރައްކާތެރި ޙާލަތްތަކާއި ކުރިމަތިލުމުގެ ހިތްވަރާއި އެކަމުން އަރައިގަތުމުގެ ހިތްވަރު ހުރި މީހުން ނިސްބަތުން ގިނަ. ސީރިއަސް ކަންބޮޑުވުންތަކާއި އެބަކުރިމަތިވޭ. މީގެ ސަބަބުން ރިސްކް ބޮޑުވާ ކެޓަގަރީތައް އެބަހުރި." ޑރ އާފިޔާ ވިދާޅުވިއެވެ.

ޑރ.އާފިޔާ ވިދާޅުވީ މިހާރު އޮތް ބަލިމަޑުކަމުގެ ކުރިންވެސް ނަފްސާނީ ބަލި ހުރި މީހެއް ނުވަތަ އެފަދަ ކަމަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް މިހާރު އޮތް ޕެންޑަމިކްގެ ސަބަބުން ކުރިމަތިވާ ނަފްސާނީ މައްސަލަތައް އިތުރުވާނެއެވެ. އެހެންކަމުން މިދަނޑިވަޅުގައި އަމިއްލައަށް މިކަމުން އަރައިގަތުމުގައި ދަތިތަކެއް ކުރިމަތިވާނަމަ އެކަމުގައި ޕްރޮފެޝަނަލް އެހީތެރިކަން ހޯދުމަށް ވަނީ އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

"މިދުވަސްވަރު އެކަކު އަނެކެއްގެ ޙާލުބަލަން ބޮޑެތި މީހުން އެކަކު އަނެކަކަށް ގުޅާ އުސޫލުން އެފުރުސަތު ކުޑަކުދިންނަށްވެސް ފަހިކޮށްދިނުމަށް އަޅުގަނޑުމެން ހަނދާނުގަ ބަހައްޓަންވާނެ." ޑރ އާފިޔާ ވިދާޅުވިއެވެ.

މިދުވަސްވަރު ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް އަމިއްލައަށް ގޭގައި ކުރެވޭނެ ބައެއް ކަންކަންވެސް ޑރ.އާފިޔާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ގޭގައި ކުރެވެން އޮތް ގޮތަކަށް ކަސްރަތު ކުރުމާއި ލިބޭ މިންވަރަކުން ވީހާވެސް ރަނގަޅު ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް ވަނީ އިރުޝާދުދެއްވާފައެވެ. އަދި މިދުވަސްވަރު ކޯވިޑްއާ ގުޅިގެން އަންނަ ޚަބަރުތަކަށް އެކަނި ސަމާލުކަން ދިނުމުގެ ބަދަލުގައި ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާ ކޮންމެހެން އެނގެންޖެހޭ މަޢުލޫމާތުތަކަށް ބަރޯސާވެ އިތުރު މަޢުލޫމާތު ހޯދުމުން ދުރުވުމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ. މީގެއިތުރުން މިދުވަސްވަރު އެކަކު އަނެކެއްގެ ޙާލުބެލުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޑރ.އާފިޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.