ޚަބަރު

ކޯވިޑް-19 : ނަރުދޫ އާންމު ހާލަތަށް ގެނެސްފި


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަތޮޅުތެރޭގެ ރަށަަކުން އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ށ.ނަރުދޫގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަން ކަށަވަރު ކުރުމަށްފަހު ރަށް އާންމު ހާލަތަށް ގެނެސްފިއެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހު މާލެއިން ފުރައިގެން އުތުރުގެ ރަށްތަކަށް ދަތުރުކުރި އަމާޒު ބޯޓުގެ ކެޕްޓަން ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ޕްރައިމަރީ ކޮންޓެކްޓްވި 113 މީހުންގެ ތެރެއިން ނަރުދޫއަށް ނިސްބަތްވާ 11 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. ނަރުދޫއިން ވަނީ 52 މީހަކު ކޯވިޑަށް ޓެސްޓްކޮށްފައެވެ. ނަމަވެސް ޕޮޒިޓިވްވި 11 މީހުން ފިޔަވައި ބާކީތިބި އެންމެން ނެގެޓިވް ވެފައިވާކަމަށް މިމަހުގެ 5 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުން ފެށިގެން ނަރުދޫ އާންމު ހާލަތަށް ބަދަލުކޮށްފައިވާކަމަށެވެ.

އަމާޒު ބޯޓުގެ ކެޕްޓަން ނިސްބަތްވާ ނަރުދޫގައި މުޖުތަމައުގައި ބަލި ފެތުރޭކަމަށް ބެލެވޭތީ ޚާއްސަ ފިޔަވަޅުތަކެއް އަޅައި އެރަށުގެ ހާލަތު ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާޕްޕުޅުން ޚާއްސަ ޓީމެއްވެސް ވަނީ ނަރުދުއަށް ގޮސްފައެވެ. ނަރުދޫގެ ހާލަތު ބެއްލެވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ފަރާތްޕުޅުން ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާއި ޕޮލިސް ކޮމިޝަނާ މުޙައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ހިމެނިވަޑައިގަންނަވާ ޓީމެއް ވަނީ މިދިޔަ މަހު އެރަށަށް ވަޑައިގެން ހާލަތުވެސް ބައްލަވާފައެވެ.

ނަރުދޫ މޮމިޓަރިންގެ ހާލަތުން ނެގުމާއެކު މިވަގުތު މޮނިޓަރިންގެ ޙާލަތުގައި އޮތީ މާލެ ހިމެނޭހެން 6 ރަށެކެވެ.