ވިޔަފާރި

ބީއެމްއެލްއިން ކޭޝް ކާޑު ހައްދައިދީ އުމުރުން ދުވަސްވީ މީހުންނާއި ނުރައްކާބޮޑު މީހުންނަށް ކާޑު ގެންގޮސްދެނީ


ބޭންކް އޮފް މޯލްޑިވްސްއިން ޖޫންމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަސްޓަމަރުންނަށް ކޭޝް ކާޑު ދޫކުރަން ނިންމައިފިއެވެ.

ބީއެމްއެލްއިން ބުނީ މިގޮތުން ކަސްޓަމަރ ސަރވިސް ސެންޓަރުން މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓް ހައްދައިގެން އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށެވެ. ދުވާލެއްގެ މައްޗަށް 300 ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ޖޫންމަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ. ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

އުމުރުން ދުވަސްވީ މީހުންނާއި، ކޯވިޑް-19ގެ ނުރައްކާ ބޮޑު ކަސްޓަމަރުންނަށް ކާޑު ޑެލިވަރީ ކޮށްދޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މިފަދަ ފަރާތްތަކުން ކާޑު ނެގުމަށްޓަކައި އެސްއެމްއެސް ކުރާނީ އައިޑީކާޑު ނަންބަރު ޖެހުމަށްފަހު “Card Delivery” ލިޔުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށެވެ. މި ގޮތަށް ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބަޔަށްކަމަށް އެ ބޭންކުން ބުނެއެވެ. އެހެން ފަރާތްތަކުން ކާޑު ނެގުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އައިޑީކާޑު ނަންބަރު ނުވަތަ ޕާސްޕޯޓް ނަންބަރާއި ނަމާއި މިހާރު އުޅޭ އެޑްރެސް އެސްއެމްއެސް ކުރަންޖެހޭނީ 455 ށެވެ.

އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެސްއެމްއެސްއަކުން 'ޕަރމިޓް' ފޮނުވާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް ދިއުމަށް ބޭއެމްއެލްއިންވަނީ އެދިފައެވެ.

ކާޑު ނެގުމަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް އަންނައިރު ކަސްޓަމަރުން މާސްކު އަޅައި، ގައިދުރުކަން ބަހައްޓައި އަދި އަމިއްލަ ގަލަމެއް ގެނައުމަށްވެސް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.