ވިޔަފާރި

އޮފީސްތަކަށް ދެވޭނީ ޕެންޝަންގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް އެކަނި!


އޮފީސްތަކަށް ނިކުމެ މަސައްކަތް ކުރުމުގެ ހުއްދަ ދެވޭނީ ޕެންޝަންގައި ރަޖިސްޓްރީކޮށްފައިވާ މުވައްޒަފުންނަށް އެކަނިކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރެޖިސްޓްރާ އޮފް ކޮންޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީއަށް ސީދާ ހުށައަޅައިގެން ހުއްދަ ހޯދަންޖެހޭނީ އަމިއްލަ ފަރާތްތަކުން ހިންގާ ކުންފުނިތާއި، ކޯޕަރޭޓްސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮފީސްތައް ހިންގުމަށްކަމަށެވެ.

މިގޮތަށް އެދޭއިރު ބޭނުންވަނީ ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރު އަދި މަސައްކަތަށް ނިކުންނަންޖެހޭ މުވައްޒަފާއި ގުޅޭ ތަފްސީލްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލޮކްޑައުންއަށް ލުޔެއް ދީފައިވާ މި ދަނޑިވަޅުގައި އޮފީސްތަކަށް ދިއުމުގެ ހުއްދަ ދެވޭނީ ދިވެހި މުވައްޒަފެއްނަމަ ޕެންޝަން އޮފީހުގައި ރަޖިސްޓްރީ ވެފައިވާނަމައެވެ.

ޕެންޝަން އޮފީހުގައި ރަޖިސްޓަރީކޮށްފައިވާ މުވައްޒަފަކު ނެތްނަމަ، ހުއްދަ ދޫކުރާނީ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަށެވެ. އަދި ބިދޭސީ މުވައްޒަފެއްނަމަ ހުއްދަ ދޭނީ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގުރާމްގައި ރަޖިސްޓްރީކޮށްފައިވާނަމައެވެ.

"ބިދޭސީ މުވައްޒަފެއްނަމަ އެފަރާތެއްގެ އެންޕްލޯއިމަންޓް އެޕްރޫވަލް ނަންބަރު ނުވަތަ ރެގިއުލަރައިޒޭޝަން ނަންބަރު. ހަމައެއާއިއެކު ޕެންޝަންގައި ރަޖިސްޓްރީކޮށްފައިހުރި ފަރާތަކަށް އެބަ ވާންޖެހޭ." ވިޝާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ، މުވައްޒަފުންނަށް ހުއްދަ ދިނުމުގައިވެސް އަމަލުކުރާނީ ވަކި އުސޫލެއްގެ ދަށުންކަމަށެވެ. އެގޮތުން މުވައްޒަފުންގެ އަދަދު 10 އަކަށްވުރެ މަދުނަމަ ހުއްދަ ދެނީ 2 މުވައްޒަފުންނަށެވެ. މުވައްޒަފުންގެ އަދަދު 10 އަކާއި 30 ދެމެދުގައި އުޅޭނަމަ 5 މުވައްޒަފުންނަށް ހުއްދަ ދޭއިރު މުވައްޒަފުންގެ އަދަދު 30 އަށްވުރެ މަތިނަމަ ހުއްދަދޭނީ 20 އިންސައްތަ މުވައްޒަފުންނަށެވެ. ބައެއް ކުންފުނިތަކުގެ މަސައްކަތްތައް ބައްޓަންވެފައިވާގޮތުން 20 އިންސައްތަ މުވައްޒަފުން ނެރެގެން މަސައްކަތްކުރަން އުނދަގޫވާނަމަ އެ މިނިސްޓްރީއަށް އަލުން މިނިސްޓްރީއަށް ހުށައެޅޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.