ވިޔަފާރި

ރަށަށް ދާން ބޭނުންވާ ރިސޯޓް މުވައްޒަފުން ރަޖިސްޓްރީވާން އިތުރު ފުރުސަތެއް


ކުރިން ރެޖިސްޓަރ ނުވެ މާލޭ ފުރަބަންދުގައި ތިބި ރިސޯޓު މުވައްޒަފުން ރަށަށް ދާން އަލުން ރަޖިސްޓްރީވުމަށް ޓޫރިޒަމް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލޭ ފުރަބަންދުގައި ތިބި މުވައްޒަފުންގެ ތެރެއިން ކުރިން ރެޖިސްޓަރ ނުވެ މާލޭ ފުރަބަންދުގައި ތިބި ރިސޯޓް މުވައްޒަފުންނަށް ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އިތުރު ފުރުސަތަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 2ގެ ކުރިން އެ މިނިސްޓްރީގެ ހޮޓްލައިން 7223131 އަށް އެސްއެމްއެސް މެދުވެރިކޮށް ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ނަން ނޯޓުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ ހަފްތާގައި ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރިސޯޓުތަކުން އަމިއްލަ ރަށަށް ދާން ބޭނުންވެފައިވާ ތިބި މުވައްޒަފުންގެ ތެރެއިން 467 މީހުން ކަރަންޓީނު ކުރެވިފައިވާކަމަށެވެ.

ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މުވައްޒަފުން ރަޖިސްޓްރީވުމަށް ހުޅުވާލުމުން 582 ފަރާތެއް ނަން ނޯޓުކުރިއެވެ. ނަންނޯޓުކުރި މީހުންނަކީ ރިސޯޓު މުވައްޒަފުންތޯ ޔަޤީންކުރުމުގެ މަސައްކަތަށްފަހު، ލިސްޓުން 80 މީހަކު އުނިކޮށް، ބާކީ ތިބި 502 މީހުންގެ ތެރެއިން 35 މީހަކު ފިޔަވައި ދެން ތިބި މީހުން ތިބީ ކަރަންޓީނުގައިކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ލިސްޓުގައި ދެން ހިމެނޭ މީހުންވެސް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.