ޚަބަރު

ޤާނޫނުއަސާސީ އިސްލާޙުކުރުމަށް ހުރަހެއް ނެތް - ސުޕްރީމް ކޯޓު


މިހާރު އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ދައުރު ދިގުދަންމާލަން ޤާނޫނުއަސާސީއަށް އިންތިޤާލީ މާއްދާއެއް އިތުރުކޮށް ޤާނޫނުއަސާސީ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންްގެ މަޖިލީހަށް ލަފާ ދެއްވައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އައު ކައުންސިލަރުން އިންތިޚާބުކުރެވެންދެން މިހާރުތިބި ކައުންސިލް މެންބަރުންނަށް މަޤާމުގައި ދެމިތިބެވޭނެ ގޮތަކަށް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމާމެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ބުދަދުވަހުގެރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދިފައިވަނީ ދެސުވާލެއްގެ މައްޗަށެވެ. އޭގެ ތެރެއިން އެއް ސުވާލަކީ އިންތިޚާބު ބޭއްވޭނެ ރައްކާތެރި މާޙައުލެއް ޤާއިމުވެ އާ އިންތިޚާބެއް ބޭއްވުމާހަމައަށް ދިމާވާ މައްސަލަތައް، ޤާނޫނު އަސާސީއާ އެއްގޮތަށް ފޫބެއްދޭނެ ހަމައެކަނި ކޮބަތޯ ކޮށްފައިވާ ސުވާލެވެ. ސުޕްރީމް ކޯޓުން ނިންމަވާފަައިވަނީ ކައުންސިލަރުން ބޭއްތިބޭނެ ގޮތަކީ ގާނޫނު އަސާސީ އިސްލާހްކުރުން ކަމުގައެވެ.

ދެވަނަ ސުވާލަކަށް ހުށަައަޅާފައިއޮތީ އެދިފައި ޤާނޫނު އަސާސީގެ 231ވަނަ މާއްދާގައި ކައުންސިލަރުން އިންތިޚާބުކުރަންވާގޮތް ބަޔާން ކޮށްފައިވާއިރު އެމާއްދާ އިސްލާހް ނުކޮށް ޤާނޫނު އަސާސީގެ 4ވަނަ މާއްދާއަށް އިސްލާހް ގެނެވިދާނެތޯ ސާފު ކުރެއްވުމަށް ހުށައަޅާފައިވާ ސުވާލެވެ. އެކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވެފައިވަނީ މިހާރު މަޖިލީހަށް ހުށައަޅާފައިވާ ފަދައިން ގަނޫނު އަސަސީއަށް 5ވަަނަ އިސްލާހް ގެނައުމުގެ ބިލުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ނުކުރެވޭނެ ކަމަށެވެ.

އެހެން ކަމުން އިންތިޚާބު ބޭއްވެންދެން ކައުންސިލަރުންނަށް ތިބެވޭނީ ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްޞުތަކަށް ސީދާ ގޮތުން ގެނެވޭ ބަދަލުތަކުން ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމަވާފައެވެ.

ސުޕްރީމް ކޯޓުން ވަނީ މިހާރު އިއުލާންކޮށްފައިއޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސީ އިސްލާޙް ކުރެވިދާނެތޯ ކުރެވޭ ސުވާލަށްވެސް ޖަވާބެއް ދެއްވާފައެވެ.

މިހާރު އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތަކީ ގާނޫނު އަސާސީއަށް އިސްލާޙް ގެނައުން މަނާކުރާ ޙާލަތުކަމަށްވާ، ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫންކަމަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުންވަނީ އިއްތިފާގުވެވަޑައިގެންފައެވެ. އެހެންކަމުން މި ހާލަތުގައި ގާނޫނު އަސާސީ އިސްލާޙްކުރުމަށް ހުރަހެއް ނެތްކަމަށް، ސުޕްރީމްކޯޓުން މަޖިލީހަށް ދެއްވި ލަފާފުޅުގައިވެއެވެ.

އަދި ކައުންސިލަރުންގެ ދައުރަކީ 3 އަހަރު ކަމަށް ބުނެފައިވާތީ، އިންތިޚާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މަޤާމުގައި ދެމިތިބޭނެ ކަމަށް ބުނާ މާއްދާ އިންތިގާލީ މާއްދާއެއްގެ ގޮތުގައި އިތުރުކުރުމަށް ފެންނަކަމަށް ވަނީ ލަފާ ދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހަށް މިގޮތަށް އިސްތިޝާރީ ލަފާފުޅެއް ދެއްވީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.