ވިޔަފާރި

ކާޑުގެ ދަތިކަމެއް ނެތް، ރަށްރަށަށް ފޮނުވުމުގައި ކޮންޓްރޯލެއްވެސް ނެތް- އެސްޓީއޯ


ކާޑުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އެއްވެސް ކޮންޓްރޯލްއަކާއި ނުލާ ރަށްރަށަށް ބޭނުންވާ ވަރަށް ކާޑު ފޮނުވަމުންދާކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

ޕީއެސްއެމްއިން ކުރިއަށްގެންދާ ކޯވިޑް-19ގެ ޙާއްސަ ލައިވް ޝޯވގައި ފޯން މެދުވެރިކޮށް ދެއްވި އިންޓަރވިއުއެއްގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެސްޓީއޯގެ ކާޑު އެޖެންޓުން މެދުވެރިކޮށް ރަށްރަށަށް ކާޑު ބޭނުންވާ ވަރު ދެނެގަނެ، ހުސްނުވާ ވަރަށް ކާޑު ފޯރުކޮށްދެމުންދާ ކަމަށެވެ.

" ރޯދަމަހު އާއްމުގޮތެއްގައިވެސް ކާޑުގެ ޑިމާންޑު ބޮޑުވޭ، މިއަހަރު ބަލިމަޑުކަމާއި ރޯދަމަހާއި ދިމާވީމަ ކާޑުގެ ޑިމާންޑު ވަރަށް ބޮޑުވެގެންދިޔަ، މިދިޔަ މަހެއްހާ ދުވަސްތެރޭ 70،000 ކާޑު ބަސްތާ މާލެ އަށާއި ރަށްރަށަށް ފޮރުކޮށްދެވިފައިވޭ" އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ވަނީ ކުރިއާލައި މިކަމަށް ތައްޔާރުވެފައިކަމަށާއި އެގޮތުން އިތުރު ކާޑު ގުދަނެއް ހުޅުމާލޭގައި ޤާއިމްކޮށް ރާއްޖެއަށް ގިނަ އަދަދަކަށް ކާޑު ގެނެސް ރައްކާކޮށްފައިވާ ކަމަށް އަމްރު ވިދާޅުވިއެވެ. މީގެއިތުރުން އެސްޓީއޯގެ ކާޑު ގުދަނުން ދޯނިތަކަށާއި މާލޭގެ ފިހާރަތަކަށް ކާޑު ޑެލިވަރީކޮށްދޭނެ ފަރާތްތައް ހޯދުމަށް އަންނަ ހޯމަ ދުވަހު ހުޅުވާލާނެކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯގެ ގުދަންތަކުން ކާޑު ޑެލިވަރީކޮށްދެމުން އައިސްފައި ވަނީ އަމިއްލަ ފަރާތްތަކުންނެވެ. އެހެން ނަމަވެސް ފުރަބަންދާއި ގުޅިގެން އެސްޓީއޯއިން ދަނީ އެކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން ކާޑު ޑެލިވަރީކޮށްދިނުމުގެ ޚިދުމަތްދެމުންނެވެ. އެހެން ނަމަވެސް އަމިއްލަ ފަރާތްތަކަށް މި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމަށް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.