ޚަބަރު

ކޯވިޑް-19 : މޮނީޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި އެއް ތަނުން އަނެއް ތަނަށް ދެވޭނެ


ކޯވިޑް-19އާ ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތަކާއެކު އިޖުތިމާޢީ ހަރަކާތްތަކާއި އިޤްތިޞާދީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދަ ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމަވައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްތަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަަކައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށަކަށް ވަނީ ޚައްސަ ފިޔަވަޅުތަކެއް އެޅުމަށް އެންގި އެންގުމަށް ބަދަލު ގެނެސްފައެވެ.

މޮނިޓަރިންގެ ޙާލަތަށް ގެނެވޭ ރަށްތަކާއި މޮނިޓަރިންގެ ޙާލަތު ނިމުމަކަށް ގެނެވިފައިވާތާ 14 ދުވަސް ވެފައިނުވާ ރަށްތައް ފިޔަވައި ރާއްޖޭގެ އެހެން ރަށްރަށުގައި، ބަލިން ރައްކައުތެރި ވުމުގެ ފިޔަވަޅުތަކާއެކު، ޢާންމު ޚިދުމަތްތަކާގުޅޭ ކަންކަމާއި، އިޖުތިމާޢީ ހަރަކާތްތަކާއި އިޤްތިޞާދީ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ހުއްދައާއި، ރަށުތެރޭގެ އެއް ތަނުން އަނެއް ތަނަށް ދިޔުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިބަދަލުގައިވެސް ވަނީ ޒަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައިނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރަން އަންގަވާފައެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށް ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްވަނީ އަންގަވާފައެވެ.

ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއާއި ކަމާބެހޭ އެހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރުމާއި ރަށުތެރޭގައި އުޅޭއިރުވެސް ގައިދުރުކަން ބެހެއްޓުމަށް ވަނީ އަންގަވާފައެވެ. އެޗްޕީއޭއިން ވަނީ މި ފިޔަވަޅުތައްތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަވާފައެވެ.

އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް
އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް އެންމެހައި ފަރާތްތަކަށް ވަނީ އަންގަވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވޭ ހާލަތަށް ބަލައި، މި ނިންމި ނިންމުމަށް ބަދަލު ގެންނަމުންދާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.