ޚަބަރު

މިހާރު ވިޔަފާރި ކުރުމަށް ވިލިމާލެއިން މާލެއަށް އާދެވޭނެ

ފުރަބަންދުގައި ވިޔަފާރިކުރަން ޒޯންތައް ހުޅުވާލާއިރު ވިލިމާލެއިން މާލެ އައުމުގެ ހުއްދަ ދޭނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ ފުރަބަންދައް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހީގައި ވިޔަފާރިކުރަން މާލެއިން ވިލިމާލެއަށް، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އައުމަށް ހުއްދަ ނުދޭނެކަމަށް ވިދާޅުވެފައެވެ.

ފުރަބަންދަށް ދިން ލުޔާއެކު ފުލުހުންގެ އޮޕަރޭޝަންތަކަށް ގެނައި ބަދަލުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝް ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ފުރަބަންދުގައި ތިބުމަށްފަހު ރައްޔިތުންނަށް ލުއިތަކެއް ދޭން ސަރުކާރުން ނިންމެވީ ފުރަބަންދުގެ ޙާލަތުގައި ރައްޔިތުން ދެއްކެވި ރަނގަޅު މިސާލުގެ ސަބަބުންކަމަށާ، މި ލުއިތަކާއެކުވެސް ރައްޔިތުން ކުރިން ދެއްކި މިސާލު ދަމަހައްޓާ ބަލި ކޮންޓްރޯލްކުރުމުގައި އިހުނަށްވުރެ ސަމާލުވާން ޖެހޭނެކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ފައިރޫޝްވަނީ ފުރަބަންދައް ލުއި ދިނުމާއިއެކު އެކި ބޭނުންތަކުގައި ބޭރަށް ނިކުންނަ ފަރާތްތަކަށް ހުއްދަ ދިނުމުގައި ބޮޑެތި ލުއިތަކެއް ދޭން ނިންމާފައިވާކަމަށެވެ. އެގޮތުން ގްރޯސަރީ ޕާމިޓް ދޫކުރާއިރު ކޮންމެ ގޭބިސީއަކުން ބޮޑު 3 މީހުންނަށް ހަތްފާއަކު 2 ފަހަރު ބޭރަށް ދިއުމުގެ ހުއްދަދޭން ނިންމާފައިވާކަމަށް ފައިރޫޝް ވިދާޅުވިއެވެ. އަދި މީގެ ކުރިން މާލެ ސިޓީ ޖުމުލަ 26 ސަރަހައްދަކަށް ބަހައި އެމީހަކު އުޅޭ ޒޯނަކުން އެކަނި ވިޔަފާރިކުރަން ހުއްދަ ދިން ނަމަވެސް އައު އުސޫލާއެކު މިކަމަށްވެސް ލުއިތަކެއް ދީފައިވާކަމަށެވެ.

ފައިރޫޝް ވިދާޅުވީ އަލުން ވިޔަފާރިކުރަން ޒޯންތައް ހުޅުވާލާއިރު ވިޔަފާރި ކުރުމަށް ވިލިމާލެއިން މާލެ އައުމުގެ ހުއްދަ ދޭނެކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ފިޔަވަހީގައި ވިޔަފާރިކުރަން މާލެއިން ވިލިމާލެއަށް، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ނާދެވޭނެކަމަށްވެސް ފައިރޫޝް ވިދާޅުވިއެވެ.

"މީގެ ކުރިން ހުޅުމާލޭގައި ވިޔަފާރިތައް އެއް ދިމާލެއްގައި ހުރުމުން ހުޅުމާލޭގައި ދަތުރުކުރުމުގައި ހުއްދަވަނީ ދީފައި. މިހާރު މިއައި ބަދަލާއެކު ފުރަބަންދުގައި ވިޔަފާރިކުރަން ޒޯންތައް ހުޅުވާލާއިރު ވިލިމާލެއިން މާލެ އައުމުގެ ހުއްދަ ދޭނެ. އެހެންނަމަވެސް ފުލުހުން ވަނީ ފުރަބަންދައް ލުއި ދިނުމުގެ ފުރަތަމަ ފިޔަވަހީގައި ވިޔަފާރިކުރަން މާލެއިން ވިލިމާލެއަށް، މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ނާދެވޭނެ"

އޭސީޕީ ފައިރޫޝް ވިދާޅުވިއެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލަށް އަމަލުކުރަނީ ބަލި ފެތުރުން ވީހާވެސް ކޮންޓްރޯލްކުރުމައްޓަކައެވެ. އެގޮތުން މާލޭގެ އަވައްތައްކަމަށްވާ ހެންވޭރު، ގަލޮޅު، މާފަންނު އަދި މައްޗަން ގޯޅީގައި ކޯވިޑްގެ ނުރައްކާ ބޮޑުވުމުން މިކަމުގެ ނުރައްކާ ދެން ހުރި ސަރަހައްދުތަކަށް ފޯރާލެއް ކުޑަކުރުމަށްޓަކައި މިފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސެވީމަކަށް މީގެ ކުރިން ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ވިލިމާލެއިން މާލެއަށް އައުމުގެ ފުރުޞަތު ދީފައިވަނީ ވިލިމާލެ ތަރައްޤީކުރެވިފައިވާ ގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ނައިސް ޚިދުމަތް ލިބުމުގައި ދަތިވާނެތީކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހާތަނަށް އައިރު 31 ހާހަށްވުރެ ގިނަ އާންމުންނަށް ގްރޯސަރީ ޕާމިޓް ދޫކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިހާރު ދިން ލުއިތަކާއެކު މިއަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވޭއިރު، ފުލުހުން ވަނީ ހުއްދަ ދޭ އުސޫލަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ހުއްދަ ދޫކުރަން ފޯމް ފުރާއިރު ގޭގެ އެޑްރެހާއެކު ގޭގެ ކަރަންޓް މީޓަރު ނަންބަރުވެސް ފޮނުވަން ޖެހޭނެކަމަށް ފުލުހުން ވިދާޅުވެއެވެ.