ޚަބަރު

އައިސޮލޭޝަންގައި ހުރި މީހަކު މަރެއްނުވޭ، ފަތުރަނީ ދޮގު ޚަބަރެއް


އައިސޮލޭޝަންގައި ހުރި މީހަކު ރިސޯޓެއްގެ ބާތް ޓަބެއްގެ ތެރޭގައި މަރުވެފައިވާކަމަށްބުނެ ފަތުރާ ވާހަކަތައް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދޮގުކޮށްފިއެވެ.

ކޯވިޑް-19 ޖެހިގެން ރިސޯޓެއްގެ އައިސޮލޭޝަންގައި ހުރި މީހަކު ބާތް ޓަބްގެ ތެރޭގައި މަރުވެފައިވާކަމަށްބުނެ މީހަކު ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯއާއި ގުޅިގެން އެޗްޕީއޭއިން ވިދާޅުވީ، އެއީ ދޮގުވާހަކައެއްކަމަށާއި، ފޮޓޯގައިވާ މީހާއާއި ގުޅިފައިވާކަމަށާއި އޭނާ ހުރީ ހެޔޮހާލުގައިކަމަށެވެ.

ފުލުހުންވެސް ވަނީ އެއީ ހަޤީގަތާއި ޚިލާފު ދޮގު ވާހަކައެއްކަން ހާމަކުރައްވާފައެވެ. އަދި މިފަދަ ނާޒުކު ދަނޑިިވަޅެއްގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ސޯޝަލް މީޑިއާގައި މިފަދަ ދޮގު މައުލޫމާތު ފަތުރާފައިވާތީ މިމައްސަލަ ތަޙްޤީގުކޮށް ޤާނޫނީ ފިޔަވަޅު އަޅުއަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި މިމައުލޫމާތާއި ފޮޓޯ ހިމެނޭ ޕޯސްޓް ޝެއަރކޮށްފައިވާ މީހުންވެސް އެޕޯސްޓް ޑިލީޓްކޮށް އިތުރަށް ޝެއަރ ނުކުރުމަށް ފުލުހުންވަނީ އެދިލައްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރާ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ތަޙްޤީގުކުރަމުންދާނެކަމަށާއި އެފަދަ އަމަލުތައް ނުހިންގުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.