ޚަބަރު

ކޯވިޑް-19 : އެންމެ 11 ދުވަހުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ


ރާއްޖޭގައި އެންމެ އެގާރަ ދުވަހުގެ ތުއްތު ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއަދު ޕޮޒިޓިވްވިކަމަށް އެޗްޕީއޭއިން ޢާންމުކުރި 56 މީހުންގެ މަޢުލޫމާތަށްބަލާއިރު ޢުމުރުން އެންމެ 11 ދުވަހުގެ ފިރިހެންކުއްޖަކުވެސް އޭގެތެރޭގައި ހިމެނެއެވެ.

މިއީ ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި އެންމެ ތުއްތު ކުއްޖާއެވެ. ރާއްޖޭގައި 10 އަހަރުން ދަށުގެ 49 ކުއްޖަކު މިހާތަނަށް ޕޮޒިޓިވެވެފައިވެއެވެ. އެއީ 23 އަންހެން ކުދިންނާއި 26 ފިރިހެން ކުދިންނެވެ.

މިއަދު ވަނީ 89 އަހަރުގެ އަންހެނެއްވެސް ޕޮޒިޓިވްވެފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި މިބަލި ޖެހުނު އެންމެ ޢުމުރުން ދޮށީ މީހާއެވެ. ޢުމުރުން ފަސްދޮޅަސް އަހަރުން މަތީގެ މީހުންނަކީ އެންމެ ހައިރިސްކު ނުވަތަ ބަލި ޖެހުމުގެ ފުތުޞަތު އެންމެ ބޮޑު މީހުންކަމަށް ޑޮކްޓަރުން ހާމަކޮށްފައިވާއިރު މިހާތަނަށް 61 އަހަރުން މަތީގެ 47 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އަދި 80 އަހަރުން މަތީގެ 6 މީހަކުވެސް މިހާތަނަށް ޕޮޒިޓިވްވެފައިވެއެވެ. އަދި 80 އަހަރުން މަތީގެ 2 މީހަކު ހިމެނެއެވެ. އެއީ ދެމަފިރިންނެވެ. ރާއްޖޭގައި މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރު ވަނީ 1513 އަށް އަރާފައެވެ. އަދި މަރުވެފައިވަނީ 5 މީހުންނެވެ. ބަލިން ރަނގަޅުވެފައިވަނީ 242 މީހުންނެވެ.