ޚަބަރު

ފުރަބަންދުގެ އުސޫލުތަކާއި ޚިލާފުވި ގިނަ މީހުންނާމެދު ދަޢުވާކުރަން ޕީޖީއަށް ފޮނުވައިފި


ފުރަބަންދުގެ އުސޫލުތަކާއި ޚިލާފުވުމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ގިނަ މީހުންނާމެދު ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ ފުރަބަންދުގައި އަންގާފައިވާ އެންގުންތަކާއި ޚިލާފުވެގެން މިހާތަނަށް 328 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ. ފައިރޫޝް ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ގިނަ މީހުން މިހާރު ދޫކޮށްލާފައިވާކަމަށާއި ވިސްނުންހުރީ ދެންތިބި މީހުންނާމެދުވެސް ދައުވާކުރުމަށްކަމަށެވެ.

ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އުސޫލުތަކާއި ޚިލާފުވި 5874 މީހުން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ފުރަބަންދުގެ އުސޫލާ ޚިލާފުވުމާ ގުޅިގެން ފުލުހުން ކުރި ޖޫރިމަނާތައް މައާފްކޮށްފާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ވިދާޅުވީ އެގޮތަށް ޖޫރިމަނާކުރަންފެށީ ކުއްލިނުރައްކަލުގެ ހާލަތުގެ މުއްދަތުން ފެށިގެން ދެފަހަރެއްގެ މަތިން ނަސޭހަތްދިނުމަށްފަހުކަމަށާއި ޖޫރިމަނާ މާފްކުރުމަކީ ފުލުހުންގެ ދައުރެއްނޫންކަމަށެވެ. ފުލުހުންނަކީ ތަންފީޒީ އިދާރާއެއްކަމަށާއި ސިޔާސަތުތައް ކަނޑައަޅާނީ އެކަމަށް ޚާއްސަ މުއައްސަސާތަކުންކަމަށްވާއިރު އެފަދަ ނިންމުމެއް ފުލުހުން ނިންމުމަކީ އެންމެ ރަނގަޅުގޮތަކަށް ނުވާނެކަމަށެވެ.

ފުލުހުން ވިދާޅުވީ އާންމު ފަރާތްތަކުން އެކި އެކި ބޭނުންތަކުގައި ބޭރަށްދިއުން ރަނގަޅު ވަގުތަކީ ހެނދުނު 9 އިން ރޭގަނޑު 9 އަށްކަމަށެވެ. އަދި މާލޭގެ 31،000 ގޭބިސީއަކުން އާންމުން ބޭރަށްދާނެކަމަށް ބެލެވޭކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ފުލުހުން މަސައްކަތްކުރާނީ މަގުމަތީގައި އެއްވަގުތެއްގައި އުޅޭ މީހުންވީހާވެސް މަދުކޮށް ކަންކަން އިންތިޒާމުކޮށް ހުއްދަތައް ދިނުމަށްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.