ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން ގެއްލިފައިވާ ވަޒީފާތައް އަލުން އިޔާދަކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި


ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންގެ ތެރެއިން ވަޒީފާ ގެއްލިފައިވާ ފަރާތްތަކުގެ ވަޒީފާ އަލުން އިއާދަކުރުމާއި ބެހޭގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އދގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާ، ޔޫއެންޑަބްލިއުޓީޓޯ އާއިއެކު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކޮށްފިއެވެ.

މިމަޝްވަރާކޮށްފައިވަނީ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމާއި ގުޅޭގޮތުން ޔޫއެންޑަބްލިއުޓީއޯގެ ސައުތް އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ އާއި އެކު ބޭއްވި ކްރައިސިސް ކޮމިޓީ 5 ވަނަ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ފައިސާ އަދި ސިނާއަތުގެ މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަކުރުމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.
އަދި ބޯޑަރުތައް ހުޅުވާލުމަށްޓަކައި ހުރިހާ ގައުމުތަކުންވެސް ރައްކާތެރިކަމަށް އިސްކަންދީގެން އެންމެނަށް އެއްބަސްވެވޭ މިިންގަނޑުތަކެއް ކަނޑައެޅުމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ގޮވާލައްވާފައެވެ. އެގޮތުން ރައްކާތެރި މިންގަޑުތަކެއް ކަނޑައަޅާ މި ޖުލައި މަހުގައި ބޯޑަރުތައް ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ. އަދި މިމިންގަނޑުތައް ކޮންމެ 14 ދުވަހަކުން ސިނާޢަތުގެ މަސްލަހަތުވެރިންނާއި ކަމާއިގުޅޭ އިދާރާތަކުގެ މަޝްވަރާގެ މަތިން މުރާޖާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ބަލިން އަރައިގަނެ ބޯޑަރުތައް ހުޅުވައި، އަލުން ދަތުރުފަތުރު ފެށުމަށް ޔޫއެންޑަބްލިއުޓީއޯގެ އިސްވެރިންނާއި އެހެނިހެން ގައުމުތަކުން ކުރަމުންދާ މަސައްކަތް ފާހާގަކުރައްވައި އެ ފަރާތްތަަކަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޔޫއެންޑަބްލިއުޓީޓޯގެ ސެކެޓްރީ ޖެނެރަލް ރޫޒަބް ޕޮލޮލިކަޝްވިލީއެވެ. މިބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.