ޚަބަރު

ކޯވިޑް-19 : "ކްރިޓިކަލް ފަރުވާ ދިނުމުގައި، ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވޭ"


ކޯވިޑް-19ގެ ޙާލަތުގައި ކްރިޓިކަލް ފަރުވާ ދިނުމުގައި ރާއްޖެއިން އެހެން ޤައުމުތަކާ އަޅާ ބަލާއިރު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމަށް ޑރ. މޫސާ ޙުސައިން ވިދާޅުވެއްޖެއެވެ. ރާއްޖެއިންވަނީ ކޯވިޑް-19ގެ ބައްޔަށް ފަރުވާދިނުމަށް ގިނަ ވަސީލަތްތަށް ޤާއިމުކޮށްފައެވެ.

ކޯވިޑް-19ގައިި ބޮޑުވަރުވާ މީހުންނަށްދޭ ފަރުވާގެ ތަފްސީލު ހިއްސާކުރައްވަމުން، ކްރިޓިކަލް ކެއަރ ދޭ ޓީމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑޮކްޓަރ، ޑރ. މޫސާ ހުސައިން ވަނީ، ކޯވިޑް ބަލި ރާއްޖެއަށް އައިރު މިފަދަ ބަލިމަޑުކަމަކަށް ރާއްޖެ އެކަށޭނަ ގޮތެއްގައި ތައްޔާރުވެފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި 900 އެއްހާ ޑޮކްޓަރުންނާއި ދެ ހާސް ނުވަ ސަތޭކައެއްހައި ނަރުހުން ތިބި އިރު މީގެ ތެރެއިން ގިނަ ބަޔަކީ ކްރިޓިކަލް ކެއަރ ދިނުމުގައި އަމަލީގޮތުން ގެންގުޅޭނެ އެންމެ އެކަށޭނަ އުސޫލުތަކަށް ހޭލުންތެރިވެފައިވާ ފަރާތްތަކެއް ނޫންކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވިއެވެ.

މިއާއެކު ބަލީގެ ނުރައްކާ ބޮޑުވާން ފެށި ހިސާބުން ފެށިގެން ސިއްޙީ ޚިދުމަތްތެރިންގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ފެށިކަމަށާ، މިހާލަތާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުން 11 އަށްވުރެ ގިނަ ތަޖުރިބާކާރުން ތަމްރީން ކޮށްފައިވާއިރު، 600 އަށްވުރެ ގިނަ ސިއްޙީ ފަރާތްތަކަށް އެކި މުއްދަތުގެ ތަމްރީން ޕްރޮގްރާމްތައް ހިންގާފައިވާކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވިއެވެ.

ކޯވިޑް-19އަކީ ނޭވާލުމުގެ ނިޒާމަށް ގެއްލުންދޭ ބައްޔަކަށް ވާއިރު މި ބަލިން ފަރުވާ ދިނުމަށް އޮކްސިޖަން ތެރަޕީ މުހިންމު ދައުރެއް އަދާކުރާކަން ޑރ. މޫސާ ފާހަގަކުރެއްވިއެވެ. އަދި ކޯވިޑް-19 ފެށުނު އިރު ރާއްޖޭގައި އޮކްސިޖަން ކެޕޭސިޓީ ހުރީ 7 މިލިއަން ހަތަރުލައްކަ ނުވަދިހައިގައިކަމަށާ، މި އަދަދު ސަރޖްއަކަށް ދާއިރު މިޢަދަދު 16 މިލިއަންނަށް އިތުރު ކުރަންޖެހޭިއުރު، ސަރުކާރުން އެޅުއްވި އަވަސް ފިޔަވަޅުތަކާއެކު މިހާރު މިއަދަދު 36 މިލިއަން ހަތަރު ލައްކައަށް އިތުރުކުރެވުމކީ ރާއްޖެއިން ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޑރ. މޫސާ ފާހަގަކުރެއްވިއެވެ.

"އޮކްސިޖަން ކެޕޭސިޓީ ރާއްޖޭގައި ހުންނަނީ 7 މިލިއަނުގައި. އެކަމަކު ސާޖެއް އަތުވެއްޖިއްޔާ އަޅުގަނޑުމެން ބޭނުންވޭ އެންމެ މަދުވެގެން ވެސް އެ ސްޓޯރޭޖް 14 މިލިއަނަށް ގެންނަން. އެކަމަކު މިއަދު ސްޓޯރޭޖް 36 މިލިއަނަށް ވަނީ އިތުރު ކުރެވިފައި. އޮކްސިޖަން ހުރި ނަމަ ކޮންމެ ޙާލަތެއްގައިވެސް ފަރުވާ ދޭން ފަސޭހަވެ، ފަރުވާއިން ކުރާ އަސަރު ބޮޑުވާނެ"

ޑރ. މޫސާ ޙުސައިން ވިދާޅުވިއެވެ.

ޑރ. މޫސާ ޙުސައިންވަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ މީހުން އެހާލަތުން ރަނގަޅުކޮށް ރާއްޖޭގައި އާންމު ހާލަތުގައި ފަރުވާ ދެވޭ ފެންވަރަށް ގެނެވުމަކީ ޤައުމުން ހޯދި ކާމިޔާބީއެއްކަމަށް ސިފަކުރައްވާފައެވެ. އެގޮތުން އާންމުގޮތެއްގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ހޯދާ ފަރާތްތަކުގެ ސަވައިވަލް ރޭޓް ދަށް އިރު ރާއްޖޭގައި ދަރުމަވަންތަ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައިވެސް މިގޮތައް ފަރުވާ ދިން މީހުން އާންމު ހާލަތައް ގެނެވުމަކީ ކޯވިޑް-19ގެ ޙާލަތުގައި ކްރިޓިކަލް ފަރުވާ ދިނުމުގައި ރާއްޖެއިން އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ،

"ބައެއް ދިރާސާތައް އެބަ ބުނޭ ވެންޓިލޭޓަރަށް ލާމީހުންގެ 98 އިންސައްތަ މީހުން ސަވައިވް ނުވާނެއޭ، އެހެންނަމަވެސް ރާއްޖޭގައި ޓްރީޓޮޕްގައިވެސް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު އާންމު ހާލަތުގައު މި ފަރުވާ ދެމުން މިދަނީ. ދެން ޑީއެޗް 11ގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ 71 އަހަރުގެ މީހެއްވެސް މިހާރު ނޯމަލް އެޓްމޮސްފެރިކް އޮކްސިޖަންގައި ފަރުވާ ދެމުން މިދަނީ. މި މީހާއަކީ ސްޓްރޯކާއި އިތުރު ކޮމްޕްލިކޭޝަންތައްވެސް ހުރި މީހެއް"

ޑރ. މޫސާ ހުސައިން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތުގައި ކްރިޓިކަލް ފަރުވާ ދިނުމުގައި ރާއްޖެއިން އެހެން ޤައުމުތަކާއި އަޅާ ބަލާއިރު ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންދާއިރު، ކުރިއަށް އޮތްތަނުގައިވެސް މިކަމަށް ދޭ އަހަންމިއްޔަތުކަން ބޮޑުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސލިޓީ ޖީން މަހު އޮޕަރޭޓް ކުރަން ފެށުމާއިއެކު މިކަމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބައްޔައް ޓެސްޓްކޮށް ކްރިޓިކަލް ކެއަރ ދިނުމަށް ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ނިމުމުންވެސް މިކަމުގައި އިތުރު ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.