ޓުއަރިޒަމް

އެކްސްޕޯ މިލާނޯ 2015ގައި ރާއްޖެއިން ބައިވެރިވުން


އިޓަލީގައި ކުރިއަށްދާ "އެކްސްޕޯ މިލާނޯ 2015"ގައި ރާއްޖޭގެ ޤައުމީދުވަސް ފާހަގަކުރުމުގެ ގޮތުންނާއި، މިނިވަން ފަންސާހާއި ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މިއަހަރުގެ މޭމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިޓަލީގެ މިލާނުގައި ކުރިއަށްދާ މި އެކްސްޕޯގައި ބައިވެރިވާ ޤައުމުތަކަށް އެޤައުމެއްގެ ޤައުމީދުވަސް ފާހަގަކުރުމުގެ ފުރުސަތު އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ވަނީ ހުޅުވާލާފައެވެ. ރާއްޖޭގެ ޤައުމީދުވަހާއި، މިނިވަން 50 ފާހަގަކުރުމަށް އެކްސްޕޯ މިލާނޯގައި ކުރިއަށްދިޔަ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާ، ފައްޓަވައިދެއްވީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕީ.އާރ ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތެވެ.  ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކްސްޕޯ ކުރިއަށްދިޔަ ސަރަހައްދުގައި ވަނީ ޚާއްސަ ދިދަ ނެގުމުގެ ރަަސްމިއްޔާތެއް ބައްވާފައި. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، އެމް.ޕީ.އާރ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ވިދާޅުވީ، ޔޫރަޕްގެ ޤައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރުމުގައި އެކްސްޕޯ މިލާނޯ މުހިއްމު ދައުރެއް އަދާކުރާކަމަށެވެ. އަދި މިފަދަ އެކްސްޕޯއެއްގެ ތެރެއިން ރާއްޖެއާއިމެދު ޔޫރަޕް ޤައުމުތަކުގެ ފަތުރުވެރިންގެ މެދުގައި އޮންނަ މަޤުބޫލުކަން އިތުރުކުރުމަށް ފުރުސަތުތަކެއް ލިބިގެން ދިޔުމަކީ، އުފާކުރާ ކަމެއްކަމަށާއި، އިޓަލީއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ލިބިގެން ދިޔަ މިއީ ރަނުގެ ފުރުސަތެއްކަން ޒިޔަތު ފާހަގަކުރެއްވިއެވެ. "އިޓަލީއަކީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ޓޮޕް މާކެޓެއް އޮތް ޤައުމެއް. މިދިޔަ އަހަރު އެކަނިވެސް އިޓަލީގެ ފަންސާސް ފަސްހާސް ދުއިސައްތަ އަށްޑިހަ ފަސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %2ގެ ކުރިއެރުމެއް. އަޅުގަނޑުމެން ބޭނުންވޭ މިޢަދަދު މިއަށްވުރެވެސް ގިނަ ކުރަން" އިޓަލީގެ މިލާންގައި ހުންނަވާ ޕީއެސްއެމަށް މަޢްލޫމާތު ދެއްވަމުން ޒިޔަތު ވިދާޅުވިއެވެ.އެކްސްޕޯ މިލާނޯގައި ބައިވެރިކުރުމަށް ރާއްޖެއިން ތައްޔާރުކޮށްފައިވާ ޕެވީލިއަން ނުވަތަ ސްޓޭންޑުން ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭއިރު، މި ސްޓޭންޑް ޚާއްސަގޮތެއްގައި ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ދިރުންތަކާއި، ރިސޯޓްތަކުގެ މަންޒަރުން ފެންނާނޭހެންނެވެ. އެކްސްޕޯ މިލާނޯއަށް ރާއްޖޭން ތައްޔާރުކޮށްފައިވާ ސްޓޭންޑަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށާއި، ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 600 މީހުން މި ސްޓޭންޑަށް ޒިޔާރަތްކުރާކަމަށް އެމް.އެމް.ޕީ.އާރު.ސީން މައުލޫމާތުދެއެވެ. މި ސްޓޭންޑުން ރާއްޖެއަކީ ކޮބައިކަަމާއި، ފަތުވެރިންގެ މެދުގައި މަޤުބޫލު ރިސޯޓްތަކާއި، ދިވެހިންގެ އާދަކާދައާއި ސަޤާފަތާއި ގުޅޭ ތަފާތު މައުލޫމާތު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. މިއަހަރުގެ މެއިމަހުން ފެށިގެން އޮކްޓޯބަރުމަހުގެ ނިޔަލަށް އިޓަލީގެ މިލާންގަައި ކުރިއަށްދާ އެކްސްޕޯ މިލާނޯގައި ސަތޭކަ ސާޅީސް ޤައުމަކުން ވަނީ ބައިވެރިވެފައެވެ. އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިއްމު ދައުރެއް އަދާކުރާ ޤައުމަކަށްވާއިރު، 1972 ވަނަ އަހަރު ރާއްޖެއަށް ފަތުވެރިކަން އެންމެ ފުރަތަމަ ތަޢާރަފުވެގެންދިޔަ އިރު، ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައިވަނީވެސް އިޓަލީގެ ފަތުރުވެރިއެކެވެ.