ޚަބަރު

ޢުމުރުން 2 އަހަރުން ދަށުގެ ކުދިން މާސްކް އެޅުވުމަކީ ރައްކާތެރިކަމެއް ނޫން - ޑރ.އަފްޒަލް


ޢުމުރުން ދެއަހަރުން ދަށުގެ ކުޑަކުދިން މާސްކް ނޭޅުވުމަށް ކޯވިޑް-19އާ ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ ޑރ.އިބްރާޙިމް އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑރ.އަފްޒަލް ވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި އުމުރުން ދެއަހަރުގެ ކުޑަކުދިން މާސްކް އެޅުވުމަކީ ރައްކާތެރިކަމެއް ނޫންކަމަށެވެ. ސަބަބަކީ އެވަރު ކުދިންނަށް މާސްކް ނައްޓަން ބޭނުންވާ ވަގުތުތަކުގައި މާސްކް ނައްޓަން ނޭގިދާނެތީކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ. ޑރ.އަފްޒަލް ވިދާޅުވީ އެވަރުގެ ތުއްތު ކުދިން ސަލާމަތްކުރުމަށްޓަކައި އެކުދިން މާސްކް އެޅުވުމުގެ ބަދަލުގައި އެހެން މީހުން މާސްކް އެޅުމަކީ މުހިއްމުކަމެއްކަމަށެވެ.

ޑރ.އަފްޒަލް ވަނީ މާސްކް އަޅަންޖެހޭގޮތް ތަފްސީލްކޮށް ވިދާޅުވެދެއްވާފައެވެ. މިގޮތުން ފޭސް މާސްކްތައް ހުންނަން ވާނީ ނޭފަތާއި އަނގަމަތި ރަނގަޅަށް ކަވަރުކޮށްފައިކަން ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އަދި މާސްކްގައި މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު ހުންނަން ވާނެ ކަމަށާއި މާސްކް އަޅައިގެން ހުންނަ އިރު ފަސޭހައިން ނޭވާ ލެވެން ޖެހޭނެކަން ޑރ.އަފްޒަލް ވިފާހަގަކުރެއްވިއެވެ.

މިދަނަޑިވަޅުގައި އެކި ފަރާތްތަކުން ފޮތި މާސްކްތައްވެސް ބޭނުންކުރަމުންދާއިރު މާސްކް ހަދައިފައި ހުންނަ ފޮއްޗަކީ އެކަށީގެންވާ ފޮއްޗަކަށް ވާން ޖެހޭނެކަމަށް ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އަދި ޑިޓާޖެންޓް ބޭނުން ކޮށްގެން ރަނގަޅަށް މާސްކް ދޮންނަން ވާނެކަމަށާއި މާސްކް ނައްޓާއިރު ލޮލުގައި އަތް ނުލުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި މާސް އެޅިކަމުގައި ވީނަމަވެސް ގިނަގިނައިން އަތްދޮވުމައި ގައި ދުރުކަން ބެހެއްޓުމަސް ޑރ. އިބްރާހިމް އަފްޒަލް ވަނީ އިލްތިމާސްކުރައްވާފައެވެ. ކޯވިޑް-19 އާ ގުޅިގެން އެންމެ ފުރަތަމަ މާސްކް އެޅުމަކީ މުހިއްމު ކަމެއް ނޫންކަން ޑޮކްތަރުން ފާހަގަކުރިނަމަވެސް މާލޭއިން މި ބަލި ފެނި ކޮމިއުނިޓީ ސްޕްރެޑަށް ދިޔުމާ ގުޅިގެން ވަނީ މާސްކް އެޅުމަސް އިލްތިމާސްކުރައްވާފައެވެ. ވަކިން ޚާއްސަކޮށް ޒަރޫރީ ބޭނުންތަކަސް ބޭރަށް ނުކުންނައިރުވެސް މާސްކް އެޅުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.