ވިޔަފާރި

ރަށަށް ދާން ބޭނުންވާ 400 އަށްވުރެ ގިނަ ރިސޯޓް މުވައްޒަފުން ކަރަންޓީނުގައި


ކޯވިޑް-19އާ ގުޅިގެން ރިސޯޓުތަކުން އަމިއްލަ ރަށަށް ދާން ބޭނުންވެފައިވާ ތިބި މުވައްޒަފުންގެ ތެރެއިން 467 މީހުން ކަރަންޓީނު ކުރެވިފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރަށަށް ދިއުމަށްޓަކައި މާލެ އައިސް، މާލޭގެ ފުރަބަންދުގައި ތިބި މީހުން ކަރަންޓީނު ފެސިލިޓީތަކަށް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. މިގޮތުން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މުވައްޒަފުން ރަޖިސްޓްރީވުމަށް ހުޅުވާލުމުން 582 ފަރާތެެއް ނަން ނޯޓުކުރިކަމަށެވެ. މިނިސްޓްރީއިން ބުނީ ނަންނޯޓުކުރި މީހުންނަކީ ރިސޯޓު މުވައްޒަފުންތޯ ޔަޤީންކުރުމުގެ މަސައްކަތަށްފަހު، ލިސްޓުން 80 މީހަކު އުނިކޮށްފައިވާކަމަށެވެ. އަދި ބާކީ ތިބި 502 މީހުންގެ ތެރެއިން 35 މީހަކު ފިޔަވައި ދެން ތިބި މީހުން ތިބީ ކަރަންޓީނުގައިކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ލިސްޓުގައި ދެން ހިމެނޭ މީހުންވެސް ކަރަންޓީނަށް ގެންދިއުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން ކޯވިޑް-19 ގެ ހާލަތުގައި އެންމެ ބޮޑު ޤުރުބާނީއެއްވި އެއްބަޔަކީ ރިޒޯޓު މުވައްޒަފުންކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިހާލަތުގައި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްކޮށް ރިޒޯޓުތަކުގެ މެނޭޖްމަންޓާއި މުވައްޒަފުން ދީފައިވާ އެއްބާރުލުމަށް މިނިސްޓްރީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.